
މި ބޭފުޅުންނަށް ޝަރަފު އެރުވުން އޮތީ، މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއަޔާތެއްގައި އެވެ.
މި ބޭފުޅުންނަކީ ހާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި އަހުމަދު ހަލީލް، ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ހިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އަހުމަދު ހަލީލް ހިމެނިވަޑައިގަންނަވައެވެ.
ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު ސީވީޑް އަހުމަދު ލަޠީފު ހާރިޖީ ހިދުމަތުގައި މަސައްކަތް ފެއްޓެވީ ނޮވެމްބަރު 26، 1981ގަ އެވެ.
ލަތީފު ފުރަތަމަ އަދާކުރެއްވީ އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑާ ސެކެރެޓްރީގެ މަގާމެވެ.
މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ގައުމުތަކުންނާއި، ބައިނަލްއަގުވާމީ އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާއަތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ހިއްސާއާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ގައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.