ads
ރޭގެ ޖަލްސާ އަށް ފަހު ރައީސް ނަޝީދު މަޖިލީހުގެ ރައީސް އަސްލަމާއި ސަލާމް ކުރައްވަނީ
މަޖިލީސް ރިޔާސަތުން ނަޝީދަށް: އަމީރު މައްސަލަ ލިޔުމުން ހުށަހަޅުއްވާ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެން، ގާނޫނާ ހިލާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ގަބޫލުކުރައްވާ ނަމަ އެކަން ލިޔުމުން ހުށަހެޅުއްވުމަށް މަޖިލީހުގެ އާ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން، މަޖިލީހުގެ ހިންގުމަށް ގޮންޖައްސަވައި، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އޭނާ ޝަރީއަތަށް ފޮނުވަން މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވަނީ ގޮވާލައްވައިފި އެވެ.

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން. އިއްޒަތްތެެރި ރައީސަށް އެނގިވަޑައިގަންނަވާނެ މި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް، މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާންކުރޭ އެކަން ކުރާންވީ ދުވަސްތައް،" ނަޝީދު ވިދާޅުވި އެވެ.

އެ ތުހުމަތުގައި މާލީވަޒީރު އިބްރާހީމް އަމީރުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

ބަޖެޓު ހުށަހަޅަން ފުރަތަމަ އެޖެންޑާކުރި ޖަލްސާއަށް ވަޑައިނުގެންނެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމެވި އެވެ. އެގޮތަށް ނިންމެވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި އެހެން މަސައްކަތެއް މަޖިލީހުގެ ތެރެއިން ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްވި ލަފައަކާ ގުޅިގެންނެވެ. އެހެންވެ، ބަޖެޓު އޮތީ އަދި ވެސް ހުށަނޭޅި އެވެ.

މަޖިލީހުގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވި ނަޝީދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ވެސް ނިޒާމީ ނުކުތާއެއްގެ ގޮތުގައި ހަމަ އެނުކުތާ ފާހަގަ ކުރައްވާފައި އެވެ.

ޖަވާބުގައި މަޖިލީހުގެ ރައީސް ކަމަށް ރޭ އިންތިހާބުކޮށްފައިވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަމީރު ބަޖެޓް ހުށަހަޅަން ވަޑައިނުގެންނެވީ ސަބަބު، އޭރު ރައީސަކަށް ހުންނެވި ނަޝީދަށް ސިޓީއަކުން އަންގަވާފައި ކަމަށެވެ. އަދި އެ ސިޓީން ގާނޫނާ ހިލާފު ކަމެއް ފާހަގަކުރެއްވޭ ނަމަ އެކަން ލިޔުމަކުން ހުށަހަޅުއްވަން އަސްލަމް ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަމަށްވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ނުނިންމިޔަސް، އެ ކަންކަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް