މިއަދުގެ މަޖިިލިހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުން މި އަހަރަށް ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވާފަ އެވެ.
އެ ބަޖެޓު ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ގޮތް ހުށަހަޅުއްވާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. އަހުމަދު އަބްދުﷲ ގެ އިސްލާހުގައި ބުނެފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ފުރުސަތެއް ދިނުމަށާއި އެއް ދުވަހުގެ މުއްދަތަކަށް ބަހުސް ކުރިއަށް ގެންދިއުމަށެވެ.
މެންބަރުންގެ ބަހުސަށް ފަހު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށާއި ކޮމިޓީ މަރުހަލާގައި ބަޖެޓުގެ މަސައްކަތް ދެ ދުވަހު ކުރާ ގޮތަށް އެ އިސްލާހުގައި ވަނީ ބުނެފަ އެވެ. އިސްލާހުގައި އިތުރަށް ބުނީ ކޮމިޓީ ރިޕޯޓުގެ ބަހުސަށް އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދޭން ނިންމުމަށެވެ.
އަހުމަދު އަބްދުﷲ ހުށަހެޅުއްވި އިސްލާހު ފާސްކުރަން ވޯޓަށް އެހިއިރު އެވަގުތު މަޖިލިހުގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 38 މެންބަރަކު ވޯޓު ދެއްވާފައި ވަނީ އިސްލާހުގައިވާ ގޮތަށް ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށެވެ. އެެހެންކަމުން އެ އިސްލާހު ވަނީ ފާސްވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން މި އަހަރަށް ހުށަހަޅާފައި ވަނީ ޖުމުލަ ރިކަރަންޓު ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް މަޖިލިހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓަކަށްވާއިރު، ބަޖެޓަށް އިތުރު ކުރުމަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ މި ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.