
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިންނަށް އޮންލައިންކޮށް ޝެންގެން ވިސާ ނެގޭ ގޮތަށް ޔޫރަޕިއަަން ކައުންސިލުން ހަމަޖައްސައިފައިވާކަން ހާމަކޮށްފައެވެ.
ޔޫރަޕިއަން ކައުންސިލުން މި ނިންމުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ތައްޔާރީތަކަށްފަހު، މިކަން ތަންފީޒުކުރަން ފަށާ ތާރީޚެއް ފަހުން އިޢުލާން ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި އިންތިޒާމް ހަމަޖެހިގެން ދިޔުމުން ޝެންގެން ވިސާ ނެގުމަށް ދިވެހިން ބޭރު އެއްވެސް ގައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެއެވެ.
ފޮރިން މިނިސްޓްރީން ވަނީ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކާ 1 މާރިޗު 2020 ގައި ވީއެފްއެސް، ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެ މާލޭގައި ހުޅުވާފައެވެ.