
ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ޕޯޓްފޯލިއޯތައް މިރޭ އިއުލާން ކުރެއްވިއިރު، ޒަމާންތަކެއް ވަންދެން ޔޫތު އާއި ސްޕޯޓްސް އެއް މިނިސްޓްރީއެއްގެ ދަށުން ހިންގަމުން އައިއަން ބަދަލުކޮށް، ކުޅިވަރަށް ވަކިން ހާއްސަ މިނިސްޓްރީއެއް ވަނީ އުފައްދަވާފައެވެ. އަދި އާ ވަޒީރު ކަމަށް ގައުމީ ޓީމުގެ ކުރީގެ މެޑިކަލް، އަބްދުﷲ ރާފިއުވަނީ އައްޔަން ކުރައްވާފައެވެ.
ރސްޕޯޓްސް މިނިސްޓަރުކަމަށް އައްޔަން ކުރުމާ ހަމައަށް ރާއްޕެ ހުންނެވީ ކުޅިވަރުގެ ގައުމީ މަޖިލިސް ނުވަތަ ސްޕޯޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގަ އެވެ. މިއީ، ވޯލްޑް އެކްއާޓިކްގެ މެޑިކަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ރާފިއު، ސިޔާސީ ފމަގާމަކާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ހޯދި އެންމެ ބޮޑެތި ކާމިޔާބުތަކުގައި އެތުލީޓުންގެ ފަހަތުގައި ހުންނަވައިގެން ރާފިއު ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ.
ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި މޮރިޝަސްގައި 2019 ގައި ބޭއްވި ގޭމްސް އާއި މި އަހަރު މަޑަގަސްކަރާގައި ބޭއްވި ގޭމްސްގައި ވެސް ދިވެހި ކޮންޓިންޖެންޓްގެ މެޑިކަލް ޓީމު ލީޑް ކުރެއްވީ އޭނާ އެވެ.
ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ހޯދި އިރު އަދި 2014 ގެ އޭއެފްސީ ޗެލެންޖް ކަޕުގައި ގައުމީ ޓީމުން ބްރޯންޒް މެޑަލް ހޯދި އިރު ވެސް ފިޒީޝަންގެ ގޮތުގައި ރާފިއު ވަނީ ޓީމުގެ ފަހަތުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.