
އިންޑިޔާއާ އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ މަނިކުފާނު ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައި ޝަންކަރު ކުރެއްވި އެކްސް ޕޯސްޓަށް ދެއްވި ޖަވާބުގައެވެ.
ޒަމީރު ވިދާޅުވީ، އިންޑިޔާއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ދެ ގައުމުގެ ގުޅުން އަލުން، ކެލިބްރޭޓްކޮށް، ދެ ގައުމުގެ ރައްޔިތުންގެ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށް ހުންނެވި ކަމަށެވެ.
އިންޑިއާ އެކު އަބަދުވެސް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވާނެ ކަމަށް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ޑރ. މުހައްމަދު މުއިއްޒުވެސްވަނީ ވިދާޅުވެފައެވެ.
މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ވެސް އަދި އެހެން ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އިސްކުރައްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލާގައި އެ ގައުމަށް ދޫނުދޭނެ ކަމަށް ކުރިން ވެސް ބުނެފަ އެވެ. މުއިއްޒުގެ ވެރިކަމުގެ އެންމެ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ވެސް އިންޑިއާގެ ސިފައިން ފޮނުވާލުން ހިމެނެ އެވެ. އެ މަނިކުފާނު ތަކުރާކޮށް ވިދާޅުވަމުން ގެންދަވަނީ އެކަން ކުރައްވާނީ ޑިޕްލޮމަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި އުފައްދާ އާ ސަރުކާރަށް އެ ގައުމުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.