
ޒަމީރަށް އެޑްރެސްކުރައްވައި ފޮރިން މިނިސްޓްރީގައި ބޭއްވެވި ސިޓީގައި ހާރިޖީ ވަޒީރު ކަމާ ހަވާލުވެވަޑައިގަތުމުން ތަހުނިޔާ ދަންނަވައި, ޝާހިދު ވިދާޅުވީ ޒަމީރަކީ ފޮރިން މިނިސްޓްރީ ހިންގުމަށް ގާބިލް، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މި ސިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓްރީއަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް ވުޒާރާއެއް ކަމަށެވެ. އަދި ހާރިޖިއްޔާއަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމާ އެކު އެއިރެއްގައި ހުންނަވާ ރައީސެއްގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މަތީ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ ކަމަށް ސިޓީގައި ވެ އެވެ. ހަމަ އެހެންމެ އެ ވުޒާރާއަކީ ދިގު ތާރީހެއް ތެރެއިން އުފެދިފައިވާ އުސޫލުތަކާއި ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހިނގަމުން އައިސްފައިވާ، މިހާރު ވަކި ގާނޫނެއްގެ ހިޔާވަހިކަމުގެ ދަށުން ހިނގަމުންދާ ވުޒާރާއެއް ކަމަށް ޝާހިދުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ދިވެހި ހާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ މި ވޭދުވެދިޔަ ފަސް އަހަރު ދުވަހު އޭނާ ކުރެއްވި މަސައްކަތުގައި އެހީތެރިކަން ދެއްވި ޕްރޮފެޝަނަލް، ކަމަށް ގާބިލު ހީވާގި އިހްލާސްތެރި މުވައްޒަފުންތަކެއް ކަމުގަ އެވެ. އަދި ހާރިޖީ ދާއިރާއިން ހޯދިފައިވާ ކުރިއެރުމެއްވާ ނަމަ ހޯދިފައިވަނީ އެ ޓީމުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ޒަމީރާ މެދު އޮތް ޔަގީންކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ ޒަމީރުގެ ވަޒީރުކަމުގެ ދަށުން ރާއްޖެ ބައިނަލްއަގުވާމީ އާ އުސްމިންތަކަށް ގެންގޮސްދެވޭނެ ކަމަށެވެ.
މި ސިޓީގައި ޝާހިދު ވަނީ މިނިސްޓަރު ޒަމީރުގެ ވަޒީރު ކަމުގައި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އިތުރަށް ވިދަމުން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަށް އަބަދުމެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.