ads
ފަލަސްތީނުގެ ގާޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލުގެ ބޭރު
ޝިފާ ހޮސްޕިޓަލް އޮތީ ޔަހޫދީ ޒަޔަނިސްޓުން ހިސޯރުކޮށްފައި: އދ
ޔަހޫދީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ، ގާޒާގެ އައް-ޝިފާ ހޮސްޕިޓަލުގައި ހުންނަ އެންމެ ބޮޑު އިމާރާތް - އޮޕަރޭޝަންތަކަށް ހާއްސަ އިމާރާތުގެ ހާލަތު އެންމެ ފަހުން އޮޅުންފިލިއިރު މުޅި ހިސާބު އޮތީ ޔަހޫދީ އިޒްރޭލު ސިފައިން ހިސާރުކޮށްފައި ކަމަށް ބުނެ އދ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަލަސްތީންގެ ރެފިއުޖީންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ "ޔޫއެންއާރުޑަބްލިޔޫއޭ"ގެ ވެރިޔާ ފިލިޕް ލަޒާރިނީ ބުނީ ޝިފާ ހޮސްޕިޓަލަށް މީހަކު ވަނުން އަދި ނުކުތުންވެސް މިހާރު އޮތީ މަނާކޮށްފައި ކަމަށެ އެވެ.

ޔަހޫދީ އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަތީ، ސިފައިންގެ ބުލްޑޯޒަރުތަކާއި ޓޭންކުތައް ބޭނުންކޮށްގެން އެ ހޮސްޕިޓަލުގެ ދޮރު ވައްޓާލައިފަ އެވެ.

އެއަށް ފަހު ހޮސްޕިޓަލުގެ އިމާރާތްތަކުގައި ހުރި ކޮންމެ ކޮޓަރިއަކާއި ކޮންމެ ހޯލަކަށް ވަދެ އެ ތަންތަން އެފުށްމިފުށަށް ޖަހައި ބަލައި ފާސްކުރި އެވެ. އަދި ހޮސްޕިޓަލުގައި އިލެކްޓްރޯނިކް ދޮރުތަކެއް ބެހެއްޓުމަށް ފަހު، ފަހަރަކު މީހަކު އެ ދޮރުގެ ތެރެއިން ވެއްދުމަށް ފަހު، ތަފާތު ސުވާލުތައް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ބުނެ އެވެ.

އައްޝިފާ ހޮސްޕިޓަލްގެ ހާލަތު ބެލުމަށް އދ އަށް އެންމެ ފަހުން މީހަކު ފޮނުވުނީ މީގެ ފަސް ދުވަސް ކުރިން ކަމަށް ފިލިޕް ވިދާޅުވި އެވެ. މަގުތަކުގައި ހަރަކާތްތެރިވާ މީހުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހާތީ މީހަކު ފޮނުވަން ކެރިވަޑައި ނުގެން ހުންނެވީ ކަމުގައިވެސް ވިދާޅުވި އެވެ.

ޝިފާ ހޮސްޕިޓަލުގެ ބިމު އަޑީގައި ހަދާފައިވާ ބިންގަރާހެއްގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ހިންގާ އަސްކަރީ މަރުކަޒެއް ހުރި ކަމަށް ބުނެ، އިޒްރޭލު ސިފައިން އެ ހޮސްޕިޓަލު ހިސާރުކުރީ މި މަހުގެ 15 ގަ އެވެ. ނަމަވެސް މިވީ ތިން ދުވަހުގެ ތެރޭގައި ޔަހޫދީ އިޒްރޭލަށް އެ ހޮސްޕިޓަލުން އެކަށީގެންވާ ހެއްކެއް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އެ ހޮސްޕިޓަލު ހިސާރު ކުރުމަށް ފަހު ޔަހޫދީ އިޒްރޭލު ސިފައިން ގެންދަނީ އެ ހޮސްޕިޓަލް ހުސްކުރަން އިންޒާރު ދެމުންނެވެ.

"ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގައި މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތަކާއި ޒަހަމްވެފައިވާ އެތައް ބަޔަކު އެބަތިބި. ވަޅުލަން ނުވަތަ މޯޗަރީއަށް ލާން ވިޔަސް، އެތަނުން އެހަށިގަނޑުތައް ނަގައިގެން ގެންދެވޭނެ ގޮތެއް ނެތް. އަދި ޒަހަމްވެފައިވާ މީހުން ނަގައިގެން ފަރުވާ ދޭން ގެންދެވޭކަށް ވެސް ނެތް،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބުނެ އެވެ.

ލަޒާރިނީ ބުނިގޮތުގައި އުތުރު ގާޒާގައި ދިރިއުޅުނު މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ މީހުންގެ ގެދޮރު ދޫކޮށް -- ރައްކާތެރި މާހައުލެއްގެ ބޭނުމުގައި ދެކުނު ގާޒާއަށް ހިނގައްޖެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިއެއް ނުފެނުމުން އަދި ހަނގުރާމަވެރިންގެ ބިންގަރާހެއް އެ ހޮސްޕިޓަލުގެ އަޑީގައި ހުރިކަމުގެ ނިޝާނެއް ނުފެނުމުން، އިޒްރޭލު ސިފައިން ދެން ދިމާކުރީ އެ ހޮސްޕިޓަލުގައި އެކި އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމާރާތް ސުންނާފަތި ކުރުމަށެވެ. އެގޮތުން އިޒްރޭލު ސިފައިން އެ އިމާރާތަށް ވަދެ، އެ އިމާރާތުގެ ކޮޓަރިތައް ވަކިކުރުމަށް ޖަހާފައި ހުރި ޕާޓިޝަންތަކާއި ފާރުތައް ހަލާކުކޮށް، ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނުތަކާއި މެޝިންތައް ހަލާކުކޮށްލި އެވެ.

your imageއިޒްރޭލުން ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި.

ޔަހޫދީ އިޒްރޭލު ސިފައިން އެ ހޮސްޕިޓަލަށް ވަދެގަނެ އެ ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރެއިން 300 ވަރަކަށް މީހުން ވަނީ، ތަހުގީގަށް ކަމަށް ބުނެ ކަނުބަނދެގެން ވަގުތުން ގެންގޮސްފަ އެވެ. އެމީހުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް، އަދި މިހާރު އެމީހުންގެ ހާލަކީ ކޮބައިކަމެއް ވެސް ނޭނގޭ ކަމަށް، އެ ހޮސްޕިޓަލުގައި ތިބި އެމީހުންގެ ތިމާގެ މީހުން ބުނެ އެވެ.

ގާޒާގައި ޔަހޫދީ އިޒްރޭލު ސިފައިން މިހާރު ކުރަމުން އެ ދަނީ ހަނގުރާމައެއް ނޫން ކަމެވެ. އެއީ، މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމެކެވެ. ސަބަބަކީ ހަނގުރާމައިގެ މައިދާނުގައި ވެސް އިންސާނަކަށް އަނިޔާއެއް ވުމުން ޑޮކްޓަރުންނާއި، ނަރުހުންނާއި، އެހެން ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެމްބިޔުލާންސް ފަދަ އުޅަނދު ފަހަރަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް އިޒްރޭލު އާއްމު ރައްޔިތުން ވެސް ގަބޫލުކުރާތީ އެވެ.

ފަލަސްތީނުގެ ގާޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލަކީ މިހާރު ގަބުރުސްތާނެއް ކަމަށާއި ސިއްހީ ހިދުމަތް ދޭ ތަނެއްގެ އެއްވެސް ސިފައެއް އެ ހޮސްޕިޓަލުން މިހާރު ނުފެންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ - ޔޫއެންއާރުޑަބްލިޔުއޭ އަންނަނީ ސިފަކުރަމުން ނެވެ.

ޔަހޫދީ އިޒްރޭލު ސިފައިން ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް 43 ވަނަ ދުވަހަށް އިރު އެރިއިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 4,900 އަށްވުރެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި، 3,700 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، ގިނަ އަދަދެއްގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 31,000 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް