
އެގޮތަށް ނިންމީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުން ސުުޕްރީމް ކޯޓުން އިއްވި ހުކުމުގަ އެވެ.
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްސަލައިގައި ހައިކޯޓުން މީގެ ކުރިން ވަނީ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންނަށް އެކަނި ވެސް ތަހުގީގުކުރެވޭނެ ކަމަށެވެ. އެކަމަކު، އޭސީސީގެ ބައިވެރިވުމަކައިނުލާ އެ ފަދަ މައްސަލައެއް ތަހުގީގުނުކުރެވޭނެކަމަށް ކަނޑައަޅައިދޭން ޝައްމާންގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ފުލުހުންނަށް ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކުރެވޭނީ އޭސީސީގެ ބައިވެރިވުމާ އެކު ކަމަށް ކަނޑައަޅައިފަ އެވެ.
މި މައްސަލަ އެ ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ރިޔާސަތު ފަނޑިޔާރު ހުސައިން ޝަހީދުގެ މި ރައުޔުއަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވުމުން، ހައި ކޯޓުގެ ނިންމުމުގައިވާ އެބައި މިއަދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފަ އެވެ.
ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް މަހުގެ 20 ވަނަ ދުވަހު ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.
ޝައްމާންގެ މައްސަލަ ފުލުހުން ތަހުގީގުކުރީ އޭސީސީގެ ބައިވެރިވުމަކައިނުލައެވެ. އެކަމަކު، އެ ކަމުގެ ސަބަބުން އޭނާ ބަންދުން ދޫކޮށްލަން ނުޖެހޭ ކަމަށް އަލަށް އައްޔަންކުރި ދެ ފަނޑިޔާރުން ވަނީ ކަނޑައަޅައިފައެވެ. އެހެންވެ، ސުޕްރީމް ކޯޓުން ވެސް ޝައްމާން މިނިވަނެއް ނުވި އެވެ.