ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. މިއީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަންތައްތަކުގެ ތެރޭގައި ވެސް ހިމަނުއްވާފައިވާ ކަމެކެވެ.
މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުން މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ކެމްޕެއިންގައި ވިދާޅުވަމުން ގެންދެވީ އިންޑިއާގެ ސިފައިން ފޮނުވައިލާނީ ޑިޕްލޮމަސީގެ އުސޫލުތަކުގެ ތެރެއިން ވާހަކަ ދައްކައިގެން ކަމަށެވެ. އަދި، އެކަން ކުރައްވާނީ ދެ ސަރުކާރުގެ މެދުގައި މަޝްވަރާ ކުރެވިގެން ޑިޕްލޮމެސީގެ ހަމަތަކުގެ ތެރެއިން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިންޑިއާގެ ސިފައިން ބޭލުމުގެ ވައުދާ އެކު ކަމަށް ވާއިރު، މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް އެ ވާހަކަތައް ގެންނެވި އެވެ.
މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތުގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ފަލަކޮށް ކަމަށާއި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ފަސްގަނޑަކަށް ހައްދަވާނެ ކަމަށެވެ.
އިންޑިއާ އައުޓް ނުވަތަ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން، އިންޑިއާގެ ސަފީރު މުނޫ މަހާވަރާ އެކު އިންތިހާބީ ރައީސްގެ ގޮތުގައި ބޭއްވެވި ބައްދަލުވުމުގައި ވެސް އެ ވާހަކަ ދަންނަވާފައިވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ ފްލައިޓުތައް ބަލަހައްޓާށާއި އެކިއެކި ކަންކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބެއެވެ. އެކަމަކު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ތަފުސީލުތައް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ވަނީ އެ ހުރިހާ ކަންކަމެއް ހާމަކޮށް، އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.