ads
ސައޫދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ސައުދީ މަންދޫބު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ސައޫދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަ އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އަލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިއްޔެ ކުރިއަށް ދިޔަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ސައޫދީ އަރަބިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް އާލްސައުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.

މިނިސްޓަ ފައިސަލް ވަނީ ރައީސް ޑރ. މުއިއްޒަށް މަގާމާ ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސައޫދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި މި ސަރުކާރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ސައޫދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމުގަ އެވެ. ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓް އަދި އިގުތިސޯދީ ދާއިރާ ފަދަ އިގުތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނީ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖޭން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވެ، މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ހާއްސަކޮށް ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ސައޫދީ އަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް