
ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފް، ރައީސް މުއިއްޒުގެ ތަގުރީރަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން ރައީސް މުއިއްޒު އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ރައީސުލްޖުމްހޫރިއްޔާ ދިވެހި ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރަކީ، ހަރުދަނާ، އުއްމީދީ، އަދި ފުރިހަމަ ތަގުރީރެއް. މި ސަރުކާރަކީ އުޖާލާ މުސްތަގްބަލެއް އޮތް ސަރުކާރެއް،" ދެކުނުގައި ގާއިމުކުރި ކަމަށް އިއުލާނު ކުރި ސަރުކާރުގެ ވެރިޔާ އައްޑޫ ހިތަދޫ އަބުދުﷲ އަފީފުގެ ދަރިކަލުން އަހްމަދު އަފީފް ވިދާޅުވި އެވެ.
ސީޝެލްސްގެ ނައިބު ރައީސް އަޙްމަދު ޢަފީފް، ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ސީޝެލްސްގެ ނައިބު ރައީސް އަފީފު ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވީ އިއްޔެ މެންދުރުަފު އެވެ. އެ ޒިޔާރަތުގައި ރައީސް ވަނީ، ހުކުރު ދުވަހު ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސީޝެލްސްގެ ނައިބު ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒާއި ސީޝެލްސްގެ ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ވާ އެއްގޮތްކަން ފާހަގަކުރައްވައި، އެކި ކަންކަމުގައި ދެގައުމަށް ވެސް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސީޝެލްސް އާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.