ads
އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާ ރައީސް ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް
އިގްތިސާދް ކުރިއެރުވުމަށް އެމެރިކާގެ ދީލަތި އެހީއަށް އެދިއްޖެ
ރާއްޖޭގެ އިގްތިސާދް ހަރުދަނާކޮށް ކުރިއެރުވުމަށް އެމެރިކާގެ އެހީއަށް ރައީސުލްޖުމްރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަަކަފުޅުގައި ދެގައުމު ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް ކުރެވެން ހުރިކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ރޭވިފައި ހުރިކަންކަން ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އަލިއަޅުވާލެވިފައިވެއެވެ.

ރައީސް ވަނީ އެމަކުފާނުގެ ވެރިކަމުގައި ކުރުމަށް ޕްލޭން ކުރައްވާފައިވާ ކަންތައްތައް އެމެރިކާގެ އެޑްމިނިސްޓްރޭޓަރުގެ ވަފުދުގެ ބޭފުޅުންނާއި ހިއްސާ ކުރައްވާފައެވެ. އަދި،ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި، ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ވަސީލަތްތަކުގެ ހަރުދަނާކުރުމުގެ މުހިންމު ކަންވެސް ފާހަގަ ކުރި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގްތިސާދް ކުރިއެރުވުމަށް ކުރެވެން ހުރިކަންކަމަށް އަލިއަޅުވާލެއްވެވިއެވެ. އެގޮތުން އެކްސްޕޯޓް ޓެކްސް ކުޑަކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާޔަތު ހަރުދަނާ ކުރުމުގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުތަކަށްލިބޭ ގެއްލުންތައް ފޫބެއްދުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމާއި، ރާއްޖޭގެ ކަނޑުތަކާއި ފަރުފަރާއި ނޭޗަރ ޕާރކްތައް ހިމާޔަތްކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދި ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

އެމެރިކާގެ ވަފުދުގެ ބޭފުޅުންވަނީ ކުރިއެކޭވެސް އެއްފަދައިން ދެ ގައުމުގެ މެދުގައި ހިންގަމުން ގެންދާ ޕްރޮގްރާމްތައް ކުރިއަށް ދާނެކަމުގެ ޔަގީންކަން ދެއްވަވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް