
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްްކަވަމުން ޑރ. ހައިދަރު ވިދާޅުވީ ފުށިދިއްގަރު ފަޅާ ގުޅީ ފަޅާ ހުޅުމާލެ ފޭސް ތިނެއް އަދި އުތުރު ތިލަފަޅު އަދި އިތުރު ސަރަހައްދުތަކަކާއެކު 75،000 ހައުސިން ޔުނިޓް އެޅޭވަރަށް ބިންލިބޭނެކަމަށެވެ.
ފުށިދިއްގަރު ފަޅާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެތަނަކީ ހުރިހާ ހިދުމަތެއް ލިބޭގޮތަށް ތަރައްގީކުރާނެ ޕްރޮޖެކްޓެއް ކަމަށެވެ.
އެގޮތުން ޑރ. ހައިދަރު ވިދާޅުވީ އެެއީ ހުޅުމާލޭ ދެ ފިޔަވަހި އެއްކޮށްލީމަ ވާވަރަށްވުރެ ވެސް ތިން ގުނަ ބޮޑު ފަޅެއް ކަމަށެވެ.
މާލޭއިން ނުލިބޭނެ ބައެެއް ހިދުމަތްތައް ވެސް އެތަނުން ލިބެން ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތުން ކުޅިވަރު ކުޅޭނެ ސަރަހައްދުތަކާ، ވަޒީފާ އަދާކުރާނެ ސަރަހައްދުތަކާ، އެކިއެކި އިގްތިސޯދީ މަސައްކަތްތައް ކުރާނެ ސަރަހައްދުތަކާއި، ޔުނިވާސިޓީ ފަދަ ބޮޑެތި އިންސްޓިޓިއުޝަންތައް ހިންގާނެ ސަރަހައްދުތަކާއި މަތީ ފެންވަރުގެ ހޮސްޕިޓަލްތައް ހިންގާނެ ސަރަހައްދުތަކާއި، ރަނގަޅު އިންޓަގްރޭޓެޑް ޓްރާންސްޕޯޓް ޕްލޭންއަކާއި އަދި ފަތުރުވެރިކަމުގެ މަސައްކަތް ހިންގާނެ ސަރަހައްދުތަކާއި، ކުނި މެނޭޖުކުރާނެ ސަރަހައްދުތަކާއި، މުނިފޫހިފިލުވޭނެ ސަރަހައްދުތަކާއި، އެކިއެކި ކްރިއޭޓިވް އާޓްސް ހިންގާނެ ސަރަހަައްދުތަކާއި، އެހެންގޮސް މިކަހަލަ ބައިވަރު މިކަހަލަ ބައިވަރު ކަންތައްތައް މާލޭއިންނާ ހުޅުމާލޭއިން ވެސް ނުލިބޭނެހާ ގިނަ ހިދުމަތްތައް ފުށިދިއްގަރު ފަޅުގައި ހަދަން ރާވައިފައި އޮތީ." މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ވެރިކަމަށް 30 ދުވަސް ހަމަވުމުގެ ކުރިން ފަށްޓަވާނެކަމަށް ވައުދުވެޑައިގެންފައެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި އެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.