މަޖިލީހުގައި މިއަދު ވަނީ ޖަލްސާ ދިގުކޮށް ގެންދަން ވޯޓެއް ނަގާފަ އެވެ. އެއީ މިއަދު ބަޖެޓް ބަހުސަށް އެދޭ ހުރިހާ މެމްބަރުން ބަހުސްކޮށް ނިމެންދެން މިރޭ 10 ޖަހަންދެން ޖަލްސާ ކުރިއަށް ގެންދާށެވެ.
އަދި، މާދަމާގެ ޖަލްސާ ވެސް ފުރުސަތަށް އެދޭ ހުރިހާ މެމްބަރުން ބަހުސްކޮށް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ވަނީ ފާސް ކޮށްފަ އެވެ.
މިގޮތަށް ފާސް ކޮށްފައި ވަނީ 34 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ވެސް ބަޖެޓް ބަހުސް އެކަންޏެވެ.
މައިގަނޑު ހަރަދުތަކުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ
- ސިއްހީ ދާއިރާ: 7.4 ބިލިއަން ރުފިޔާ
- ތައުލީމީ ދާއިރާ: 5.3 ބިލިއަން ރުފިޔާ
- އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް: 8.9 ބިލިއަން ރުފިޔާ
- ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް: 4.5 ބިލިއަން ރުފިޔާ
- އިޖުތިމާއީ ރައްކާތެރިކަން: 3.5 ބިލިއަން ރުފިޔާ
- ތިމާވެށި ރައްކާތެރި ކުރަން: 1.8 ބިލިއަން ރުފިޔާ
- ދިފާއީ، އަދުލް އިންސާފު އަދި އަމަން ގާއިމުކުރަން: 5.6 ބިލިއަން ރުފިޔާ
ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ފިނޭންސް މިނިސްޓްރީން އާންމުކުރި 2024 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން އާ (ރައީސް މުއިއްޒު) ސަރުކާރުގެ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 144 ޕްރޮޖެކްޓަކީ މިހާރު ވެސް ހިންގަމުން އަންނަ މަސައްކަތްތަކަށް ވާތީ، ބަޖެޓުގައި މުޅިން އަލަށް ފަށަން ހުށަހަޅާފައިވަނީ އާ ސަރުކާރުގެ 314 ޕްރޮޖެކްޓެވެ.
އާ ސަރުކާރުން ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ މަގު ހެދުމާއި އެއާޕޯޓު އެޅުމާއި ބިން ހިއްކުމާއި ސިއްހީ މަރުކަޒުތަކާއި ސްކޫލުތަކުގެ މަސައްކަތްތަކުގެ އިތުރުން މިސްކިތް އިމާރާތް ކުރުން ފަދަ މަޝްރޫއުތަކެވެ.
އާ ސަރުކާރުން ހިންގަން ރޭވި އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ ޕްރޮޖެކްޓަށް ވަނީ 400 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. ބަޖެޓުގައި މި އަދަދު ކަނޑައެޅި ނަމަވެސް އެ ފައިސާ ހޯދާނެ ގޮތެއް އަދި ކަނޑައެއް ނާޅަ އެވެ.
ބަޖެޓު އޮތްގޮތުން އެ މަޝްރޫއުއަށް ބޭނުންވާ ހޯދާނެ ކަމަށް ބެލެވެނީ ލޯނެއް ނަގައިގެންނެވެ.