ads
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ފްލެޓު އަތުލަން އުޅޭކަމަށް ބުނެ ހައުސިން މިނިސްޓަރަށް ރުހުން ނުދޭން ގޮވާލައިފި
ނިމިދިޔަ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ފުލެޓުތައް މި ސަރުކާރުން އަތުލަން އުޅޭ ކަމަށް ތުހުމަތުކޮށް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނުނެރެން އެދިވަޑައިގަންނަވާ ކަަމަށެވެ. އަދި އެކަން ކުރުމަށް ވިޕެއް ނެރުނު ކަމުގައި ވީނަމަވެސް މިނިސްޓަރަށް ރުހުން ދޭން ވޯޓު ނުދެއްވާނެ ކަމަށް މީކާއީލް ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން، އެ ނިޔަތް ކަނޑައަޅައިގެން އެ ނިޔަތާ އެކު ވަޑައިގެން ހުންނެވި މި ހައުސިން މިނިސްޓަރަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓެއް ނުލިބޭނެ އިއްޒަތްތެރި ރައީސް، އެމްޑީޕީގެ ތްރީލައިން ވިޕް އެހެން އަޅުއްވަން ނަހައްދަވާތި،" - ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ބޭފުޅުންނަށް ރުހުން ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ފޮނުވި މައްސަލަ މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ. 

މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވެފައި ވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރެއް ލިބޭ ކޮންމެ ފަހަރަކުވެސް ކަންކުރައްވާ ގޮތް ކަމަށެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އެޅި ގާކޮށި ފުލެޓުތައް ކޮމާޝަލް ރޭޓުގައި ވިއްކާލުމުގެ އިތުރުން ގުޅީފަޅަކީ މީހުންނަށް ދިރިނޫޅެވޭ ތަނެއް ކަމަށް ކަނޑައަޅާ އެ ތަނުން ދިން ގޯއްޗާއި ފުލެޓުތައް ބާތިލުކުރިކަން މީކާއިލް ފާހަކުރެއްވި އެވެ.

"މުއިއްޒަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު، ޕީޕީއެމަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު އެބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތަކީ ހައްގުވެރިން އަތުން ލިބޭ އެއްޗެއް ފޭރިގަނެ، އެބޭފުޅުންގެ ކެމްޕޭނުގައި އުޅުއްވާ އެކްޓިވިސްޓުންނަށް ބައްސަވާލައްވާ، އެބޭފުޅުންނަށް މަސައްކަތް ކޮށްދޭ ބޭފުޅުންނަށް ބައްސަވާލެއްވުން،" - ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އިއްޔެ ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށާއި ދޫކޮށްފައިވާ ރަޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް