ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެއްބައިވަންތަކަމާ އެކު، އެއް ޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ އަމާޒުގައި އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ރައީސް ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭން ޖެހޭ އިރުޝާދުތައް ދިނުމާއި ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވުމާ އެކު، އެ އޮފީސް ކުރިއަށް ގެންދަން ވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.