
ގިނަ ހިދުމަތްތަކެއް އެއް އެޕްލިކޭޝަނަކުން ލިބޭ ދިވެހި އެޕެއް ކަމަށްވާ އީޒެޕުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގްލޯބަލްޕޭ ބޭނުން ކުރެވޭ ގޮތް ހަދައިފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކާ ގުޅިގެންނެވެ.
ދިވެހި ޒުވާނުންތަކެއް ހަދާފައިވާ އީޒެޕަކީ އާއްމުން ބޭނުންވާ ގިނަ ހިދުމަތްތަކެއް ވަރަށް ފަސޭހައިން ހޯދޭގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ރެސްޓޯރެންޓްތަކުގެ ކެއުންތައް ގެއަށް ޑެލިވަރީކުރުމާއި، ގެއަށް ބޭނުންވާ އެކި ސާމާނު އޮންލައިންކޮށް ގަތުމުގެ ޚިދުމަތް ލިބެއެވެ. އަދި މި ފަހުން ޓެކްސީ ހިދުމަތްވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މި އެއްބަސްވުމާއެކު އީޒެޕް މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލްޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާ ކާޑަކުން ވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.
އެމްއައިބީގެ ހެޑް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފުލާއެއްގައި އީޒެޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޒެޕްގެ މެނޭޖިން ޑިރެކްޓާ އަހުމަދު މައުރޫފް އަބްދުލް ހަކީމްއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ. އެމްއައިބީ ގްލޯބަލްޕޭއަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންވެސް ބޭނުންކުރާ ޒަމާނީ ޕޭމަންޓް ގޭޓްވޭއެކެވެ. ޒަމާނީ ސިފަތަކެއް އެކުލެވޭ މި ޕޭމަންޓް ގޭޓްވޭ ބޭނުންކުރުމުގެ ފުރުސަތު އެ ބޭންކުން ވަނީ މިހާރު ދިވެހި ޒުވާނުންނަށް ހުޅުވާލާފައެވެ.