ads
ކޮންގްރެސް ޕާޓީގެ އާ އޮފީސް
ޕީޕީއެމްގެ އޮފީހުން ނުކުމެ ޕީއެންސީން ވަގުތީ އޮފީހެއް ހުޅުވައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕީޕީއެމްގެ އޮފީހުން ނުކުމެގެން ގޮސް ރެއިން ފެށިގެން ވަކި އޮފީހެއް ގާއިމްކޮށް ޕީޕީއެމާ ވަކި އިދާރާއެއްގައި މަސައްކަތް ފަށައިފި އެވެ.
Advertisement

މިވީހާތަނަށް ޕީއެންސީ ހިންގަމުން އައީ ޕީޕީއެމާ އެކު އެއް އޮފީހެއްގައި އެއް ލީޑާޝިޕެއްގެ ދަށުންނެވެ.

އެކަމަކު މެމްބަރުން އިތުރުކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ވަގުތީ އޮފީހެއް ހުޅުވީ ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓުގެ އިމާރާތުގެ ތިރީގަ އެވެ. އެތަނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ހިންގަން ޖަގަހައެއްގެ ގޮތުގައި ވެސް ބޭނުންކުރި ތަނެކެވެ. 

އެ އޮފީހުގެ ބޭރުގައި ޕީއެންސީގެ ނަން ބޯޑު ވެސް މިހާރު ވަނީ ޖަހައިފަ އެވެ. އެ ނަމްބޯޑް ހަރު ކުރީ ރޭގަ އެވެ. އަދި އެ އިދާރާގައި ޕާޓީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ ގެ ބައްދަލުވުންތައް ވެސް ރޭ ކުރިޔަށް ދިޔައެވެ.  

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގަ އެވެ. ކުރިން ޕީޕީއެމްގައި ހުންނަވާފައި އެ މަނިކުފާނު ޕީއެންސީއަށް ބަދަލުވެވަޑައިގަތީ ޓިކެޓު ހޯއްދަވަން ޕްރައިމަރީގައި ވާދަ ކުރުމަށެވެ. 

ޕީއެންސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެ މަނިކުފާނުގެ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އުފެއްދި ޕާޓީއެކެވެ.

ޕީޕީއެމްގެ ރައީސަކަށް ހުންނެވި ޔާމީންގެ ތާއީދާ އެކު ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް މުއިއްޒު އިންތިހާބީ ރައީސްގެ ގޮތުގައި ވިދާޅުވެފައި ވަނީ، ޕީއެންސީ ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއާއެކު، ޕީޕީއެމް އާއި ޕީއެންސީއާ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައި ވިޔަސް، މިހާތަނަށް ވެސް ދެ ޕާޓީގެ ލީޑާޝިޕުން އެ ކަހަލަ ވާހަކައެއް ނުދައްކަ އެވެ.

ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު ޕީޕީއެމް-ޕީއެންސީގެ ސޯޝަލް މީޑިއާ ގްރޫޕުތަކަށް މިދިޔަ މަހުގެ ފަހުކޮޅު ފޮނުއްވި މެސެޖެއްގައި އެދިވަޑައިގެންފައި ވަނީ، ޕީޕީއެމް އިން މީހުން ވަކިނުކޮށް، ޕީއެންސީއަށް މީހުން ވެއްދުމަށެވެ. އަދި، އެ ޕާޓީއަށް 10،000 މެންބަރުން ހަމަކޮށްދެއްވަން އެ މަނިކުފާނު ވަނީ މެންބަރުން ކިބައިން އެދިވަޑައިގެންފައެވެ. އެ ޕާޓީން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދަނީ މެންބަރުން އިތުރު ކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް