
މި މަޝްވަރާތައް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުއިއްޒުގެ އަރިހަށް ޗެއާމަން ޔަން ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޗެއާމަން ޔަން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ރައީސް ވަނީ ޗެއާމަން ޔަން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖެ އާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނީ ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަން އާއި ރާއްޖެ އާ ދެމެދުގައިވާ ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޗެއާމަން ޔަން ވަނީ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ސަގާފަތާއި ޖިއޮގްރަފީ އާއި އެތަނުގައި ހިމެނޭ އާދަޔާ ހިލާފު ތަފާތު ތިމާވެށި ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅޭ މައުލޫމާތު ރައީސްއަށް ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ރާއްޖޭގައި ސާފު ބޯފެނުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވަމުން، ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1,500 ޓަނުގެ ފުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ޗެއާމަން ޔަން ހުށަހެޅުއްވި ކަމަށާއި ރައީސް ވަނީ މި ދީލަތި ހުށަހެޅުއްވުން ގަބޫލުކުރައްވައި، ޗެއާމަން ޔަންއަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ޑރ. މުއިއްޒާއި ޗެއާމަން ޔަން ވަނީ ރާއްޖެ އާއި ޗައިނާ އާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން އޮތް ތާރީހީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުމަށް އިތުރު ކާމިޔާބީ އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.