ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން އެރުން މަނާކުރުމާއެކު ގެސްޓްހައުސްތަކުގެ ވިޔަފާރިތައް ބަނަވެއްޖެއެވެ.
ރާއްޖޭގައި 100އަށް ވުރެ ގިނަ ގެސްޓްހައުސް ހުރި އިރު، މީގެ ތެރެއިން ގިނަ ގެސްޓަހައުސްތައް މިހާރު މިވަނީ ބަންދުކޮށްފައެވެ. މަދު ގެސްޓުން ތަކަކާއެކު ހިންގާ ގެސްޓްހައުސްތައް ވެސް ބަންދުކުރުން ނޫން ގޮތެއް ނޯންނާނެ އެވެ.
އިތުރު ބުކިންތައް ނުހެދޭ އިރު، މިހާރު ތިބި ފަތުރުވެރިންގެ ޗުއްޓީ ނިމުމާއެކު މުޅި ގެސްޓްހައުސް ވިޔަފާރި ހުއްޓުމަކަށް އަންނާނެއެވެ. ގެސްޓްހައުސްތައް ހުޅުވާފައި ބެހެއްޓިއަސް، އަދި ބަންދުކުރިއަސް ހިންގަންޖެހޭނީ ހަމަ ގެއްލުމުގައެވެ.
ގިނަ ގެސްޓްހައުސްތަކަކީ ކުއްޔަށް ނަގާފައިވާ ބިންތަކުގައި ހިންގާ ތަންތަނެވެ. އެ ތަންތަނުގެ ކުލި ދެއްކުމަކީ އެ މީހުންނަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލަ އެވެ. ބޮޑު ކުއްޔެއް ދައްކަން ނުޖެހޭ ގެސްޓްހައުސެއް ހުރިނަމަ އޭގެތެރެއިން ގިނަ ގެސްޓްހައުސްތައް ވެގެން ދާނީ ބޮޑު ލޯނެއް ބޮލުގައި އެޅިފައި އޮތް ގެސްޓްހައުސަކަށެވެ. މިއީ މި ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ކުޑަ މިންވަރެކެވެ.
މިހާލަތު ބަދަލުނުވާހާ ހިނދަކު އެއްވެސް ހައްލެއް ނުލިބޭނެ އެވެ. ގެސްޓްހައުސްތަކަށް، އެއްވެސް އާމްދަނީއެއް ނުލިބުނަސް އެ ތަންތަނުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މުސާރަ ދޭންޖެހޭނެއެވެ. މީގެ އިތުރުން، ފެން ބިލާއި ކަރަންޓު ބިލު ވެސް ދައްކަން ޖެހެ އެވެ.
ގެސްޓަހައުސްތަކުގެ ކަންބޮޑުވުންތައް ގިނަވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ގެސްޓްހައުސް އެސޯސިއޭޝަން، ގޭމް އިން ދަނީ މި ކަންބޮޑުވުންތައް ދެނެގަނެ ކަމާބެހާފަރާތްތަކާއި ހަމައަށް މި ކަންތައްތައް ގެންދިއުމެގެ މަސައްކަތްތައް ކުރަމުންނެވެ. އެއްވެސް ގެސްޓްހައުސެއް އުނި ނުކޮށް، މި އަޑިގަޑުން އަރައިގަތުމަށް ކުރެވެން ހުރި މަސައްކަތްތަކާމެދު ސަރުކާރާ އެކު މަޝްވަރާކޮށް ގެސްޓްހައުސްތަކަށް ބެކަޕް ޕްލޭނެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ގޭމް އިން ބުނެއެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައިވެސް މި ކަޅު ވިލާގަނޑު ބޯމަތިން ދާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތްކަމުގައި ގޭމް އިން ބުނެއެވެ.