ads
ރައީސް ޔާމީން
ަގާނޫނު ބުނަނީ ޔާމީނަށް ޕާޓީއެއް ނުހެދޭނެކަމަށް
ރާއްޖޭގެ ސިޔާސީ މަސްރަހު ރޭ ގުގުލާމީ، ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް ހެއްދެވުމަށް ނިންމެވި ނިންމެވުމާއެކުއެވެ.

ޕީޕީއެމް ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމެވިކަން ރޭ އިއުލާން ކުރެއްވީ، އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު އެވެ. ޗެނަލް 13 އަށް ފޯނުން ދެއްވި އިންޓަވިޔުއެއްގައި އެކަން ހާމަ ކުރައްވަމުން ޖަމީލް ވިދާޅުވީ، މިއީ ޔާމީނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ.

"އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވެރިކަމަށް އެންމެ ހަފްތާއެއް ނުވަނީސް، ޔާމީން ޕީޕީއެމުން ވަކިވެ މުޅިން އާ ޕާޓީއެއް އުފައްވަން މަސައްކަތް ފަށްޓަވައި، އަދި އަންނަ އާދިއްތަ ދުވަހު ޕާޓީ އުފެއްދުމުގެ ރަސްމީ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށް ޔާމީންގެ އަރިސް ބޭފުޅުންނާ ހަވާލާދީ މީޑިއާގެ ސުރުހީތަކަށް މިހާރުވަނީ އަރާފައެވެ. ހޭލާ ތިބެ ޕާޓީގެ ލޯގޯއާ ނަން ފާސްކުރި ވާހަކަތަކާ މި ނޫންވެސް ވާހަކަތަކެވެ. 

ސިޔާސީ ދެ މީހެއްގެ ގުޅުން ގޯސްވުމަކީ ދިވެހިރާއްޖޭގައި އާ ކަމެއް ނޫނެވެ. އަދި އެކުގައި ތިބި ލީޑަރުން ދުރުވެ، އާ ޕާޓީތައް ހެދުމަކީވެސް ޑިމޮކްރެސީގެ ކުރު ހަޔާތުގައި ރާއްޖޭގައި އާ ކަމެއް ނޫނެވެ. ދިވެހިންނަށް ބީރައްޓެހި ކަމެއްވެސް ނޫނެވެ. 

އެކަމަކު ގާނޫނު އޮތް ގޮތުން ކޮންމެ ފަަހަރަކު ކޮންމެ މީހަކަށް އެ ފުރުސަތެއް ނުލިބެއެވެ. މި ފަހަރު މިއީ އެ ގޮތުން ޔާމީނަށް މި ވަގުތަށް އެ ފުރުސަތު ނެތް ފަހަރެކެވެ.  

ރައީސް ޔާމީނަކީ މި ވަގުތު ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެކެވެ. ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ޖަލުގައި ހުންނަވަން ޖެހުނު ނަމަވެސް ބަންދަށް ދީފައިވާ ލުޔަކާއެކު ގޭގައި ހުންނަވައި، އަދި ފުޓްސަލް ކުޅެން ވަޑައިގެންނެވުނަސް، ގާނޫނުތައް އޮތީ އެ މަނިކުފާނަށް އަދި މި ވަގުތު ޕާޓީއެއް ހެދޭ ގޮތަކަށް ނޫނެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތީ، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި އެއްވެސް ކަމެއް ކުރެވޭ ގޮތަކަށް ނޫނެވެ. މާނައަކީ، މި ވަގުތު ސިޔާސީ ޕާޓީއެއް ހެދުމާއި، އަދި ޕާޓީއެއް ހިންގުމަށް ޔާމީނަށް ފުރުސަތު ނެތުމެވެ.

ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ. - ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު - 

އާ ޕާޓީ ހެދުމަށް ރައީސް ޔާމީން ކިތައްމެ ބޭނުންފުޅު ވިޔަސް، އެކަން އަދި މި ވަގުތު ވާކަށް ނެތެވެ. ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމެއް އެބައޮތެވެ. ރިޔާސީ އިންތިހާބުގައިވެސް އެ މަނިކުފާނަށް ވާދަ ނުކުރެވުނީ އެ ހުކުމް ދެމި އޮތީތީއެވެ. 

އެހެންކަމުން އެންމެ އަވަހަށްވެސް ޔާމީނަށް އާ ޕާޓީއެއްގެ ކަންތަކުގައި އުޅެވެން އޮތީ މިހާރު އަޑު އެހުންތައް ނިމިފައިވާ ޔާމީންގެ އިސްތިއުނާފު ޝަރީއަތުން، މިހާރު ކޮށްފައިވާ ހުކުމް ބާތިލުކޮށްގެނެވެ. އެހެން ނޫނީ އޮތް ގޮތަކީ 11 އަހަރު މަޑު ކުރުން ނޫނީ، ހައިކޯޓުން ނިންމާ ނިންމުމެއް ހިފައިގެން ސުޕްރީމް ކޯޓަށް ދިޔުމެވެ. ގައިމުވެސް އާދިއްތަ ދުވަހުން ވާން އޮތް ކަމެއް ނޫނެވެ.

70%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް