
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، އެ ހޭންޑަލްއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ މުއާމަލާތްތައް ކުރެއްވުމުގައި އެ މަނިކުފާނުގެ އަމިއްލަފުޅު އެކްސް ހޭންޑަލް ބޭނުން ނުކުރައްވާނެ ކަމަށެވެ.
އާ އެކްސް ހޭންޑަލްއެއް ތައާރަފުކުރެއްވީ ހޯމްލޭންޑް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ފަހަށް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން ބޭނުން ކުރައްވަން ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެ އެވެ.
ހޯމްލޭންޑް މިނިސްޓަރުގެ މި ނިންމެވުމާ ގުޅިގެން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ މިއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެހެން މިނިސްޓްރީތަކުގެ މިނިސްޓަރުންވެސް އެކަން އެގޮތަށް ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ހޯމްލޭންޑް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިހުސާން ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ މުވައްޒަފުންނާ އެކު ބައްދަލުވުމެއް ބާއްވަވާފަ އެވެ.
މިނިސްޓަރު ވަނީ ދޫނިދޫއަށް ޒިޔާރަތްކުރައްވައި އެ ރަށުގައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ މަސައްކަތުގައި ބޭނުން ކުރަމުން އަންނަ ވަސީލަތްތައް ބައްލަވާލައްވާފަ އެވެ. އޭގެ އިތުރުން މާލޭ ޖަލާއި އެނެކްސްއަށް ޒިޔާރަތް ކުރައްވާ ޖަލުގެ ހާލަތުވެސް ވަނީ ބައްލަވާފަ އެވެ.