ads
އިޒްރޭލު ޖަލުން ފަލަސްތީނު ބައެއް މީހުން މިނިވަންވުމުން އުފާފާޅުކުރަނީ
އިޒްރޭލުން ހަނގުރާމަ މެދުކަނޑާލައި ފަލަސްތީނުގެ 39 މީހަކު ޖަލުން ދޫކޮށްލައިފި
ޔަހޫދީ އިޒްރޭލާއި ހަމާސްއާ ދެމެދު ކުރާ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލަން ހެދި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ރަހީނުން ބަދަލުކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ދެފަރާތުން ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްފައިވާއިރު، ޔަހޫދީ އިޒްރޭލުން ވަނީ އެމީހުން ހައްޔަރު ކޮށްފައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން 39 މީހަކު ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. މި މީހުން ނަކީ އިޒްރޭލުގެ ދެކުުނު އިރުމަތީގައިވާ ޑަމޯން އާއި މެގިއްޑޯ ޖަލުތަކުން މިނިވަން ކުރި މީހުންނެވެ.

ޔަހޫދީ އިޒްރޭލާއި ހަމާސް ޖަމާއަތުން ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލާފައިވާއިރު، ހަމާސް އިން އިއްޔެ ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ 24 ރަހީނުން ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ 13 މީހަކާއި ތައިލޭންޑުގެ 10 މީހެއްގެ އިތުރުން ފިލިޕިންސްގެ އެކަކެވެ. 

އަދި މިއަދުގެ ވަގުތެއްގައި އިތުރު ރަހީނުން ދޫކޮށްލާނެ ކަމަށް ހަމާސް އަދި ޔަހޫދީ އިޒްރޭލު ވެރިންނާއި ހަވާލައިދީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުން ނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެފަރާތުން ދޫކޮށްލި މީހުން އުފުލުގެ ކަންކަން ކުރަނީ ރެޑް ކްރެސެންޓުން ނެވެ.

އިއްޔެ ރާއްޖެ ގަޑިން ހެނދުނު 10:00 ގައި އަމަލުކުރަން ފެށި މި އެއްބަސްވުން އޮތީ ހަމާސް-ޔަހޫދީ އިޒްރޭލުން އަމަލްކުރާ ގޮތަކުން ހަތަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވެސް ހަމަލާތައް މެދުކަނޑާލެވޭ ގޮތަށެވެ.

ގާޒާއަށް ބޭނުންވާ ތެލާއި ގޭސް ހިމެނޭހެން ކާބޯތަކެއްޗާއި ބޭސް ހިފައިގެން އެހީގެ ފުރަތަމަ ގާފިލާ ގާޒާއަށް ވަދެފައި ވަނީ ހަނގުރާމަ ހުއްޓާލިތާ ގަޑިއެއްގެއިރު ފަހުންނެވެ. އޭގެފަހުން ހުއްޓުމެއް ނެތި ގާޒާއަށް އެހީގެ ޓުރަކުތައް ވަންނަމުން ދާނެ ކަމަށް ރަފާހު ކުރޮސިން އެޑްމިނިސްޓުރޭޝަނުން ބުނެ އެވެ.

ހަމާސްއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވުމުން، ހަނގުރާމަ ބާރަށް ކުރިއަށް ދާނެ ކަމަށާއި، މި އޮޕަރޭޝަނަށް މަދުވެގެން ދެ މަސް ދުވަސް ނަގާނެ ކަމަށް އިޒްރޭލްގެ ދިފާއީ އޮފީހުން ވަނީ ބުނެފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 14100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމުކޮށްލައިފައިވެ އެވެ. ޝަހީދުވި ކުޑަކުދިންގެ އަދަދު ވަނީ 6200 އަށް ވުރެ މަތިވެފަ އެވެ. އަދި އަންހެނުންގެ އަދަދު ވަނީ 4200 އަށް ވުރެ މަތިވެފަ އެވެ. ކެނޑިނޭޅި ފާއިތުވީ ދޮޅު މަސްދުވަހު ޔަހޫދީ އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާގެ ބޮޑު ބައެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. އޭގެއިތުރުން އުތުރު ގާޒާގައި ހުންނަ ހުރިހާ ހޮސްޕިޓަލްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުން ދަނީ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި ކަމަށް ވިޔަސް، އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އޭގެ އިތުރުން ގާޒާގައި ހުރި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާތަކުގެ އިދާރާތަކާއި ގުދަންތަކަށް ވެސް އިޒްރޭލު ސިފައިން ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް