ads
ކުރީގެ ރައީސް ނަޝީދު: އެމަނިކުފާނު ވިދާޅުވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާ މުހިންމު ކަމަށް
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާ މުހިންމު: ނަޝީދު
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލަން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފަށައިފާ ވަނިކޮށް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަވައްޓެރި އިންޑިއާގެ މުހިންމު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެކުނު އެފްރިކާގައި އޮތް "ދަ ކޭޕްޓައުން ކޮންވެންޝަން"ގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގައި ހުންނަވައި، އިންޑިއާގެ ނޫހެއް ކަމަށްވާ އޭއެންއައި އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު އިއްޔެ ވިދާޅުވީ، ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވައި އާ ސަރުކާރެއް އެކުލަވާލާފައިވާ އިރު، ޑރ. މުއިއްޒު ސަރުކާރުން ގެންގުޅެނީ މުޅިން ތަފާތު ހާރިޖީ ސިޔާސަތެއް ކަމަށެވެ. 

"ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދިއުމަށް އެދި ބައެއް ވާހަކަތައް ދެކެވުނުކަން އެނގިފައި އޮތީ. ނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ މަގެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އާ ސަރުކާރަށް މިކަން ވިސްނޭނެ،" އިންޑިއާ-ރާއްޖެ ގުޅުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ކަނޑަށް ޗައިނާއިން ނުފޫޒު އިތުރު ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، ރާއްޖެއާ ޖެހިގެން އޮތް، އަވަށްޓެރި ގައުމަކީ އިންޑިއާކަން ދެނެގަނެ، އެގައުމާ ގުޅުން ވަރުގަދަކުރަން ޖެހޭ ކަމަށާއި ކަނޑުފޭރޭ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ބިރު އިންޑިއާ ކަނޑުގައި ބޮޑުކަމެވެ.

"ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބަދަހިކުރަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ އިންޑިއާއަކީ އަޅުގަނޑުމެންގެ ޖެހިގެން އޮތް، އަވަށްޓެރި ގައުމު، ދެމިއޮންނާނީ ވެސް އެހެން. ދެ ގައުމު ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަތާ އެތައް ހާސް އަހަރެއް ވެފައިވާއިރު، އަޅުގަނޑަށް ޔަގީން، އެ ގުޅުން އަދިވެސް ދެމި އޮންނާނެކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ އިންޑިއާއާ އެކުގައި ގާތް ގުޅުމެއް އޮތުން ކަން ރައްޔިތުންނަށް ވިސްނައި ދެއްވާނެ ކަމަށެވެ. މިހާތަނަށް އައިއިރު ރައްޔިތުންގެ މަޖިލިހުގައި އެކަމަށް ވަކާލާތު ކުރެއްވި އިރު، އެކަމަށް ވަކާލާތު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ. މުއިއްޒު ވެލެއްވި އެންމެ ބޮޑު ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. އަދި، އިންޑިއާއާ އެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ދިރާސާކޮޮށް، ހާމަކުރަން ޖެހޭ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.

އަދި އިންޑިއާ ސިފައިން ފޮނުވާލައިގެން ދިވެހިންނަށް ފައިދާއެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދިނުމަށް އެދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފަ އެވެ.

ރައީސް އޮފީހުގައި މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މިހާތަނަށް ސަރުކާރުން ހޯދި ހޯދުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ހާމަވެފައިވާ ކަމަށެވެ.

އޭނާ ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން:

  • ފުރަތަމަ ހެލިކޮޕްތަރު ބަލަހައްޓަން - 24 ސިފައިން
  • ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިން
  • ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން - 26 ސިފައިން
  • މެއިންޓެނެންސާއި އިންޖިނިއަރިންއަށް - އިތުރު ދެ ސިފައިން

ފިރުޒުލް ވިދާޅުވީ، އެ ހުރިހާ ސިފައިން ވެސް އަނބުރާ އިންޑިއާއަށް ފޮނުވައިލުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނެ އެވެ.

ރައީސް ޑރ. މުއިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމަަސީގެ ރީތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް