ads
ހަޔާތީ އަރުތައިގެ އެވޯޑު ލިބިވަޑައިގެންނެވި ހިރިގާ ޒާހިރަށް އެވޯޑް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް
ހަޔާތީ އަރުތައިގެ އެވޯޑް ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅަކަށް
ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ނުވަތަ ހަޔާތީ އަރުތައިގެ އެވޯޑް ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅަކަށް ރޭ އަރުވައިފި އެވެ.

ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް މިފަހަރު ދީފައި ވަނީ ނޫސްވެރިކަމަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަބްދުﷲ ރަމީޒާއި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަދި ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އަށެވެ. 

އިސްލާމިކް ޔުނިވަސިޓީގައިރޭ  ބޭއްވި ރަސްމިއްޔާތުގައި މި ދެބޭފުޅުން ނަށް އެ އެވޯޑް ހަވާލުކޮށްދެއްވީ މަޝްހޫރު ނޫސް ވެރިޔާ އަދި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު(އަސްވާޑު) އެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް ރޭ ހާސިލްކުރި އަބްދުﷲ ރަމީޒަކީ މީގެ 40 އަހަރު ކުރިން "ކޯދު" މަޖައްލާ އިން ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުން ނޫސްވެރިކަން ރަމީޒު ފެއްޓެވީ 1985 އަހަރު ދިވެހިރާއްޖޭގެ އަޑުންނެވެ. އަޑުގެ ގިނަ މަގާމުތަކެއް އޭނާ ފުރުއްވާފައިވެ އެވެ.

އޭގެފަހުން ޓީވީއެމްގެ ޑިރެކްޓާ އޮފް ނިއުސް، ކަރަންޓް އެފެއާޒްގެ މަގާމުގައި އޭނާ އަންނަނީ ހިދުމަތް ކުރައްވަމުންނެވެ. ރަމީޒު ކުރިން ވަނީ އާފަތިސް ނޫހުގައި ވެސް ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރައްވައިފަ އެވެ.

your imageހަޔާތީ އަރުތައިގެ އެވޯޑު ލިބިވަޑައިގެންނެވި ރަމީޒަށް އެވޯޑް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

ހަޔާތީ އަރުތައިގެ އެވޯޑު ލިބިވަޑައިގެންނެވި ހިރިގާ އަހުމަދު ޒާހިރަކީ މިހާރު ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ. އޭނާގެ ނޫސްވެރިކަމުގެ ހަޔާތް ފެށީ ހަވީރު ނޫހު ގަ އެވެ. އެ ނޫހުގައި 23 އަހަރަށް ވުރެ ގިނަ ދުވަހު އިސް އެތައް މަގާމެއްގައި މަސައްކަތްކުރެއްވި އެވެ. އޭގެ ފަހުން ގުޅިވަޑައިގަތީ "ސަން މީޑިއާ ގްރޫޕް"އާ އެވެ. ސަންގައި 11 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި އެވެ.

މިވަގުތު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ "ދައުރު"ގެ މެނޭޖިން އެޑިޓަރުގެ ގޮތުގަ އެވެ. ޒާހިރު ވަނީ ރިހި ގަލަމާއި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ ގައުމީ އިނާމް ވަނީ ހާސިލް ކުރައްވާފަ އެވެ.

ރޭ އެމްއެމްސީގެ އެވޯޑް ލިބުނު ފަރާތްތަކާއި ދާއިރާތައް:

ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާޢީ ދާއިރާ : ޝަހުދާ މުހައްމަދު (ދައުރު ނޫސް)
ސިޔާސީ ދާއިރާ: ނާޒިމް ހަސަން (އަދަދު ނޫސް)
ޝަރުއީ އަދި ގާނޫނީ ދާއިރާ: މުއިއްޒު އިބްރާޙިމް (މިހާރު ނޫސް)
ވިޔަފާރިއާއި އިޤްތިސޯދީ ދާއިރާ: އަހުމަދު ނާއިފް (އަދަދު ނޫސް)
ކުޅިވަރު ދާއިރާ: ހުސައިން ހަބީބް (މިހާރު ނޫސް)
ފީޗަރ ލިޔުން : ޝަހުދާ މުހައްމަދު (ދައުރު ނޫސް)
ވީޑިއޯ ޖަރނަލިޒަމް: ހައްވާ އަމާނީ އަބްދުﷲ (މިހާރު ނޫސް)
ފޮޓޯ ޖަރނަލިޒަމް: ފަޔާޒް މޫސާ (މިހާރު ނޫސް)
ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ: އަހުމަދު މިޒްޔާލް (ދައުރު ނޫސް)
އުންމީދީ ނޫސްވެރިޔާ: މުހަައްމަދު ނާއިލް ހަފީޒް (ސަން އޮންލައިން)
އެންމެ މޮޅު ނޫސްވެރިޔާ: އަހުމަދު ނާއިފް (ދައުރު ނޫސް)

އެންމެ މޮޅު ނޫސްވެރިޔާ ހޮވާފައިވަނީ، އާއްމުންގެ ވޯޓު ހިމެނޭގޮތަށެވެ. އެގޮތުން އެސްއެމްއެސްއަށް ހުޅުވާލި ފުރުސަތުގައި 35000 އަށްވުރެ ގިނަ އެސްއެމްއެސް ލިބުނު ކަމަށް އެމްއެމްސީން ބުނެއެވެ. އަދި އިންޓަވިއުއާއި ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ޖަޖުންގެ ޕެނަލްއިން މާކްސް ދީފައިވެއެވެ. މިއެވޯޑަށް 3 ނޫސްވެރިއަކު ނޮމިނޭޓްވި އެވެ. އެއީ:

1. އަހުމަދު ނާއިފް (ދައުރު ނޫސް)

2. އާސިމާ ނިޒާރު (މިހާރު ނޫސް)

3. ލައިޝާ އަހުމަދު (ރާއްޖެ ޓީވީ)

މި އަހަރުގެ ނޫސްވެރިންގެ އެވޯޑްގައި ބްރޮޑްކާސްޓިން ދާއިރާ އިން އެކަށީގެންވާ މާކްސް ލިބިފައިނުވާތީ އެއްވެސް އިނާމެއް ދީފައެއް ނުވެ އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ކުޅިވަރުގެ ހަބަރުތައް ގެނެސްދެމުން އަންނަ ސާއިދު އަހުމަދަށް ހިތްވަރު ދިނުމުގެ ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް