ads
ރައީސް ޔާމީން އަދި ޑރ. ޖަމީލް، ފަހަތުގައި ޑރ. މުއިއްޒު
ޑރ. ޖަމީލް ރައީސް ޔާމީނަށް ވަފާތެރިވާނެތަ؟
ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވެ، ޕީޕީއެމް / ޕީއެންސީގެ ކޮންޓްރޯލް ރައީސް އަބްދުﷲ ޔާމީނަށް ގެއްލި، އެ މަނިކުފާނު މިވަނީ އަމިއްލަފުޅު އެހެން ޕާޓީއެއް އުފެއްދެވުމަށް ނިންމަވައި، އެކަމުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައެވެ.
Advertisement

ޑރ. މުއިއްޒުއާ ރައީސް ޔާމީންގެ ގުޅުން ގޯސްވެ، ދެ ބޭފުޅުން އެއްބޭފުޅަކު ވާހަކަ ނުދެވޭ ހިސާބަށް ގޮސްފައިވާއިރު، ދެ ބޭފުޅުންވެސް އަދި މިކަމުގައި އެއްޗެއް ވިދާޅުނުވެއެވެ. ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން ކެބިނެޓުގެ އެކިއެކި ބޭފުޅުންނާއި ރައީސްގެ އެޑްވައިޒަރު އަދި ނާއިބު ރައީސް ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްކޮށް ވާހަކަފުޅު ދައްކަވަނީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި ކުރީގެ ވަޒީރު މަލީހު ޖަމާލުއެވެ.

ސުވާލަކީ ޑރ. ޖަމީލަކީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއްތޯއެވެ؟ މި ސުވާލުގެ ޖަވާބު ދެއްވާނީ މި ލިޔުން ވިދާޅުވާ ބޭފުޅުންނެވެ. އަޅުގަނޑު ކިޔައިދޭނީ ބައެއް ފެކްޓްސްއެވެ. އަޅުގަނޑު މި ދެންނެވި ސުވާލަށް ޖަވާބެއް ނުދޭނަމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ފެށިގެން ގޮސް ނިމުމާ ހަމައަށްވެސް ރައީސް ޔާމީން ވަރަށް ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގެންފައިވަނީ ކޯޓުތަކުގައެވެ. ކްރިމިނަލް ކޯޓާ، ހައިކޯޓާ ސުޕްރީމް ކޯޓު އަދި ބައެއް މައްސަލަތައް ސިވިލް ކޯޓަށްވެސް ހުށަހެޅުއްވިއެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފުރަތަމަ ޖަލު ހުކުމާއެކު އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުނުއިރު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރުމާހަމައަށް ޑރ. ޖަމީލް އެތައް ވަގުތެއް އެ މަސައްކަތުގައި ހޭދަކުރެއްވި ކަމީ ފެންނާން އޮތް ހަގީގަތެކެވެ.

ކްރިމިނަލް ކޯޓުގައި އޮތް ފުރަތަމަ މައްސަލައިގެ އެތައް އަޑު އެހުމަކާ، އެ މައްސަލަ ހައިކޯޓުގައި ހިނގި އިރު ބޭއްވުނު އެތައް އަޑު އެހުމަކާ އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރެއްވި ހުކުމާ ހަމައަށް ޑރ. ޖަމީލް ގާނޫނީ މަސައްކަތްތަކުގައި އެ ހޭދަ ކުރެއްވި ވަގުތަކީ ޔަގީނުންވެސް އެހެން ދެވަނަ އެއްވެސް އިންސާނެއް ރައީސް ޔާމީނު މިނިވަން ކޮށްދެއްވުމަށް ހޭދަ ކުރެއްވި ވަގުތެއް ނޫނެވެ. އެކަމަށް ޑރ. ޖަމީލަށް ސެލިއުޓް ކުރަން ޖެހެއެވެ.

ފުރަތަމަ ހުކުމުން މިނިވަންވެ، ދެވަނަ މައްސަލައެއްގެ ޝަރީއަތް ފެށުމާއެކުވެސް ފެނުނީ ޑރ. ޖަމީލް އެއްވެސް ވަރުބަލި ކަމެއް ނެތި ކުރައްވަމުން ގެންދެވި ބުރަ މަސައްކަތެވެ. ކްރިމިނަލް ކޯޓުގައި އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ އެތައް އަޑު އެހުމަކާ ހައިކޯޓުގައި ހިނގައި ދިޔަ އެތައް އަޑު އެހުމަކަށް ފަހު މިހާރުވަނީ މައްސަލައިގެ އަޑު އެހުންތައް ނިމި ހުކުމާ ގާތްވެފައެވެ. މި މުއްދަތުގެ ތެރޭގައި ރޭގަނޑެއް ދުވާލެއް، ބެލުމެއް ނެތި، ކޮވިޑުގެ ދަތި ދުވަސްތަކާ އަދި ރޯދަ މަހުގެ ދުވަސްތައްވެސް ދިޔައެވެ.

މޫސުމް ގޯސް އެތައް ދުވަހެއް ދިޔައެވެ. ޑރ. ޖަމީލް އެކަމަކުވެސް ގެންދެވީ ވަރުބަލި ކަމެއް ނެތި އެތައް މަސައްކަތެއް ކުރައްވަމުންނެވެ. މާފުށީ ޖަލަށް ޑރ. ޖަމީލް ވަޑައިގެންނެވި ދުވަސްތަކުގެ އަދަދުވެސް ހުދު އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެ ކަމާމެދު ޝައްކެވެ. ހުރިހާ ޝަރީއަތެއްގައިވެސް ރައީސް ޔާމީންގެ އަރިހުގައި ހުންނެވީ ޑރ. ޖަމީލްއެވެ.

އަދި މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން، އެ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ލީގަލް ޓީމުވެސް ލީޑު ކުރެއްވީ ޑރ. ޖަމީލްއެވެ. އޭރު އަދި ރައީސް ޔާމީންގެ ރަނިން މޭޓަކަށްވެސް ކަނޑައެޅުއްވީ ޑރ. ޖަމީލްއެވެ. 

ރައީސް ޔާމީންގެ ހައްގުގައި ޑރ. ޖަމީލް ކުރައްވަމުން ގެންދެވި، އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެހެރީ ފެންނާށެވެ. އެކަމާ މެދު ސުވާލެއް އުފައްދާނެ ޖާގައެއް އޮތް ކަމަކަށް ނުދެކެމެވެ. ހަމަ އެކަނި ކޯޓުގައި ހޭދަކުރި ވަގުތަށް އެކަނި ބެލިޔަސް ޖަވާބު ލިބޭނެއެވެ. 

ދެން މި ޖެހިލަނީ ކުޑަތަންކޮޅެއް ކުރިއަށެވެ. ޑރ. މުހައްމަދު ޖަމީލް އަހްމަދަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސެވެ. 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ޔާމީނަށްވުރެ ބުރަކޮށް ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވުމުގައި ޑރ. ޖަމީލް އުޅުއްވިއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ޑރ. ޖަމީލަށް ރައީސް ޔާމީނާއެކު ކެތް ކޮށްލެވުނީ ދުވަސްކޮޅެކެވެ.

ރައީސް ޔާމީނަށް މީހަކު ތާއީދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ރައީސް ޔާމީން ރާއްޖެއަށް ބާރު ސްޕީޑުގައި ގެނެސްފައިވަނީ ވައްކަމާ ކޮރަޕްޝަން. ރައީސް ޔާމީނަކީ އިންތިހާއަށް ފިނޑި ބޭފުޅެއް. އަޑުގަދަ މީހާގެ ރުއްގިނަވާނެއޭ ބުނާ އުސޫލުން ހުކުމްތައް ނެރެ، ނޫސްތަކާއި ނޫސްވެރިން އަޑު މަރާލަން ހުރި މީހަކަށް ގައުމު ހަވާލުކުރަން ހެޔޮ ނުވާނެ. ސިޔާސީ ވެރިންނަށް އޮތީ އަންދާ ގާނޫނު. ނޫސްވެރިންނަށް އޮތީ އަންދާ ގާނޫނު.

ރައީސް ޔާމީންގެ ނާއިބު ރައީސަކަށް ހުންނަވައި ރާއްޖެ ދޫކުރައްވައި އިގިރޭސިވިލާތަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަސް ފަހު ޑރ. ޖަމީލަށް އެނބުރި ވަޑައިގެންނެވުނީ ރައީސް ޔާމީންގެ ވެރިކަން ނިމުމުންނެވެ. އޭރު ބޭރުގައި ހުންނަވައިގެން ރައީސް ޔާމީނަށް މުހާތަބުކޮށް ޑރ. ޖަމީލް ވިދާޅުނުވާ އެއްޗެއް އޮންނާނެހެން ހީނުވެއެވެ. އަޅުގަނޑު އޭގެ މާބޮޑު ތަފްސީލަކަށް ނުދާނަމެވެ. އެކަމަކު ޑރ. ޖަމީލް ރައީސް ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް އެހެރީ ފެންނާށެވެ.

އަޅުގަނޑު މި ލިޔުން ފެށިއިރު ދެންނެވި ސުވާލަށް ދެން މި ހިސާބުން ތިބޭފުޅުން އަމިއްލަ އަށް ޖަވާބެއް ދެއްވާށެވެ. ޑރ. ޖަމީލް ޔާމީނަށް ވަފާތެރިވާނެ ހެއްޔެވެ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް