
މިނިސްޓަރު ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ. އަދި ގިނަ ކައުންސިލް ތަކާއި ގިނަ ރައްޔިތުން އެކަން ގަބޫލު ކުރާ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެމްޕޭނުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ވުޒާރާއެއް އުފައްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށާއި، ރައްޔިތުން ވޯޓު ދިނީ އެކަންކަމަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކާ އެކުލަވަލާފައިވާ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ މެންޑޭޓުން ބާރު އަޅަނީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް ކަމަށެވެ. އަދި އެއީ ކައުންސިލްތައް ބާރުވެރި ކުރުވައި، ސަރުކާރުން ކައުންސިލް ތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމުގައި ވެސް މިނިސްޓަރުގެ ޕޯސްޓްގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި މިފަދަ ވުޒާރާތައް ގާއިމު ކޮށްފައި އެބަހުރި ކަން މިނިސްޓަރު ޝަރީފު ވަނީ ފާހަގަ ކުރައްވާފައެވެ.