އަހުމަދު ނަޝާތު އެންމެފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓު ކައުންސެލްގެ މަގާމުގަ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ މިޑުލްސެކްސް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ނަޝާތު އައްޔަންކުރައްވާފައިވަނީ ގާނޫނީ ދާއިރާގެ މެންބަރުކަމަށެވެ.
ރައީސްއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ޕީސީބީ ބޯޑަށް މެންބަރުން އައްޔަނު ކުރެއްވި ނަމަވެސް އެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ތިއްބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެނެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމާއި ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.