ads
އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުން. ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކުރި 139 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

އެމްއޭސީއެލްއިން ވަނީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށްޓަކައި މިދޔަ ހުކުރު ދުވަހު ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މިހަފްލާގައި އެކުންފުންޏަށް 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތްކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ އެވޯޑު ދީފަ އެވެ. އެގޮތުން މިއެވޯޑު ވަނީ 139 މުވައްޒަފަކަށް ދީފަ އެވެ.

އެއީ:

  • 20 އަހަރު ހިދުމަތް ކޮށްދީފައިވާ 24 މުވައްޒަފުން

  • 25 އަހަރު ހިދުމަތް ކޮށްދީފައިވާ 69 މުވައްޒަފުން

  • 30 އަހަރު ހިދުމަތް ކޮށްދީފައިވާ 35 މުވައްޒަފުން

  • 35 އަހަރު ހިދުމަތް ކޮށްދީފައިވާ 6 މުވައްޒަފުން

  • 40 އަހަރު ހިދުމަތް ކޮށްދީފައިވާ 5 މުވައްޒަފުން

މީގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔާރ ކުރައްވާފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދެއްވި ހިދުމަތްތައް ފާހަގަކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެ އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ތޯހާ ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ، އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުން ކަމަށެވެ. އަދި އެމްއޭސީއެލް އަކީ މުވައްޒަފުންގެ އަގު ވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރާ ކުންފުންޏެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއީ ހަގީގަތުގައި ވަރަށް ރަނގަޅު ވެސް ކަމެއް. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިދުމަތުގެ މުއްދަތު ކުރުވިޔަސް އަދި ދިގުވިޔަސް، މަސައްކަތަށް ހާޒިރުވެ ހޭދަވާ ވަގުތަކީ ތިމާގެ %100 ދީގެން މަސައްކަތް ކުރާ ވަގުތު ކަމުގައި ހައްދަވާށޭ. ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާ އެކު މަސައްކަތް ކުރުމަކީ މީހާ ވަރަށް ފަސޭހައިން ކުރިއަރައިދާނެ ކަމެއް،" ތޯހާ ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކުރެވޭ އެއާޕޯޓަކަށް ހެދުމަށް ކުންފުނީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލްގައި 4000 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް