
ބީއެމްއެލުން ބުނީ މި ބަދަލާ އެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން އެ ބޭންކުގެ ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއާލައިންސްތަކުގެ ފްރީކުއެންޓް ފްލެޔަ މައިލްސް ހޯދޭނެ ކަމަށެވެ. މީގެ އިތުރުން ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗަރުވެސް މިހާރު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސްއަށް ރެޖިސްޓަ ކުރެވޭނެ އެވެ. ބީއެމްއެލުން ބުނި ގޮތުގައި ރެޖިސްޓަ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެ ކަމުގަ އެވެ. މިގޮތަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑްތަކުގެ އިތުރުން އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.