އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަައެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ބަޖެޓަށް ބަހުސް ފެށީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއަށްފަހު ބަޖެޓު ދިރާސާކުރެއްވުމުގެ މަސައްކަތްވެސް މަޖިލީހުން ފެއްޓެވިއެވެ.
ބަޖެޓް ބަހުސްގައި ވާހަކަދެއްކުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުން އޮތީ ފާސްކޮށްފައެވެ. އަދި މެންބަރުން ދައްކާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން އޮތީ ނިންމައިފަ އެވެ. އެއީ ބަޖެޓް ބަހުސް ފަށާއިރު 15 މިނެޓު ބަހުސްގެ މެދުތެރެއިން 15 މިނެޓު އަދި ބަޖެޓް ބަހުސް ނިމުމުން 15 މިނެޓެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ޖަލްސާ ކުރިއަށްގެންދިއުމަށްފަހު 22 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންގޮސްފައިވަނީ އެއް ޖަލްސާގެ ގޮތުގައި ބަލައިގެންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ބަޖެޓު ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވީ 51 މެންބަރުންކަމަށެވެ. އަދި ބަހުސްގައި ޖުމްލަ 12 ގަޑިއިރާއި 23 މިނެޓު ހޭދަވިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރައްވަމުން ގެންދަވާއިރު، ބަޖެޓު ބަހުސް މަރުހަލާގައި މެންބަރުން ދެއްކެވި ވާހަކަފުޅާއި، ފާހަގަކުރެއްވި ކަންކަމަށް ރިޔާތްކުރައްވާނެކަމަށެވެ. އެހެންކަމުން ބަހުސް މަރުހަލާގައި މެންބަރުން ފާހަގަކުރެއްވި ކަންކަން ކޮމިޓީއާ ހިއްސާކުރެއްވުމަށް އިދާރީ މޭޒުގައި މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
ބަޖެޓް ދިރާސާ ކުރުމަށްފަހު ބަޖެޓް ކޮމިޓީން އެކުލަވާލާ ރިޕޯޓްވެސް އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އަދި އެ ރިޕޯޓަށްވެސް މެންބަރުން ވާހަކަދައްކަވާނެ އެވެ.
ގާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެ އެވެ.