ads
އެލްޖީއޭގެ ކުރީ ބޯޑުގެ ބައްދަލުވުމެއް: ހިންގުމުގެ ބާރުވެރިކަން ދޫކޮށްލާން ޖެހޭ--
ބާރުވެރިކަމާއެކު ލާމަރުކަޒީ ނިޒާމް ހިންގަން ދޫކޮށްނުލާންވީ ކީއްވެ؟
ލާމަރުލަޒީ ނިޒާމަކީ ރަށެއްގެ ރައްޔިތުންނާއި ގުޅުންހުރި އެންމެހާ ކަންކަން އެ ރަށެއްގެ ރައްޔިތުންގެ ވޯޓުން ހޮވާ ކައުންސިލެއްގެ ބާރުގެ ދަށުން ހިންގާ ނިޒާމެވެ. އެ ނިޒާމުން ލިބުނު ތަޖުރިބާއަށް ބަލައި މިހާރަށްވުރެ ރަނގަޅު ގޮތެއް ހޯދުމަކީ އަދި މާ މަންފާ ހުރިގޮތަކަށް ވާނެ އެވެ. އެ މަގަކަށް ބައްޓަން ކުރުމަކީ ލިބޭ ކުރިއެރުން ކަމަށް ދެކި އެކަމާ އުޅެންވި މިންވަރަށް މަސައްކަތް ކުރަމުންދޭތޯ މިއީ މިއަދު އޮތް ސުވާލެއްތޯ އެވެ.
Advertisement

ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރަނގަޅު ނިޒާމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. ނަމަވެސް އެ ނިޒާމުގެ ތެރޭގައި ހުރި ބައެއް ކަހަލަ އުނި ކަންތައް ތަކުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަށް ކައުންސިލް ތަކަށް ވަނީ ދަތި ތަކަކާއި ކުރިމަތި ވެފަ އެވެ.

މިގޮތުން ބަލާއިރު ކައުންސިލް ތަކަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ވުޒާރާ ތަކާއި ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަ ވުމެވެ. ރައްޔިތުންނަށް ބޭނުންވާ ރަށުގެ ތަރައްގީގެ ޕްރޮޖެކްޓް ތަކާއި ގުޅިގެން އެކަށީގެންވާ މިންވަރަކަށް މުއާމަލާތް ނުކުރެވުމެވެ. އަދި ކައުންސިލް ތަކުގެ ބާރުތައް ހަނިވާ ފަދަ ގޮތަކަށް ވުޒާރާ ތަކުން ކަންކަން ނިންމުމެވެ. މިގޮތުން ސަރުކާރުން ކައުންސިލުގެ އަތްމައްޗަށް ދޫ ކޮށްލައިގެން ހިންގޭނެ ފަދަ ބައެއް ޕްރޮޖެކްޓްތައް ވެސް ކުންފުނި ތަކާ ހަވާލު ކުރަނީ ވުޒާރާތައް މެދުވެރި ކޮށެވެ. 

އެ މަގަށް މިކަން ކުރުމަށް ފަހު ދެން ފެންނަނީ ޕްރޮޖެކްޓާއި ބެހޭގޮތުން ކައުންސިލުން އެ ވުޒާރާ އަކާ އެކު އެންމެ އެދެވޭ ގޮތެއްގައި މުއާމަމަލާތް ނުކުރެވި ދާ ތަނެވެ. އަދި ޕްރޮޖެކްޓް ހަވާލު ކުރެވިފައިވާ ކުންފުންޏާއި ގުޅުމަށް ކުރާ މަސައްކަތް ވެސް ގިނަ ފަހަރު ވަނީ ބޭކާރެވެ. މިކަން މިހެން ވުމުން ޕްރޮޖެކްތަށް ވަރަށް ބޮޑަށް ލަސްވެގެން ދާގޮތް ދިމާވެ އެވެ. އަދި ކައުންސިލަށް އެކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމުގައި ވިއަސް ރައްޔިތުންގެ ޝަކުވާ ތަކާއި ކުރިމަތި ލާން ޖެހޭނީ ކައުންސިލަށެވެ. އެހެންކަމުން ކައުންސިލް ތަކައި ވުޒާރާ ތަކާއި ދެމެދު އޮންނަ ގުޅުން ކުޑަ ވުމަކީ ރަށުގެ ތަރައްގީއަށް ވެސް ކުރިމަތިވާ ހުރަހެކެވެ. 

މި ކަންކަމާއި ބެހޭގޮތުން ވަހާކަ ދައްކަވަމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަ ޖެނެރަލް ޝައްމޫން އާދަމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެހެން ވެސް ގައުމު ތަކުގައި ކާމިޔާބު ކަމާ އެކު ހިނގާ ނިޒާމެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް ލާމަރުކަޒީ ނިޒާމު ވުޖޫދު ވީއްސުރެ މިއަދާ ހަމަޔަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ވެސް ޝައްމޫން ވިދާޅުވި އެވެ. 

މީގެއިތުރުން އޭނާ ވިދާޅުވީ ކައުންސިލް ތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ތަކަކީ ބަޖެޓުގެ ތާށިކަމާއި ވަސީލަތްތައް މަދުވުން ކަމަށެވެ. އަދި ހަމައެހެންމެ ކައުންސިލް އިދާރާ ތަކުގައި މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން މަސައްކަތްތަކަށް ދިމާވާ އުނދަގޫ ތަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ވަގުތުން ރަނގަޅު ނުކުރެވޭނެ ކަމަށާއި، އެފަދަ ކަންކަމާއި އެކުވެސް ކުރިއަށް ގޮސް ކާމިޔާބީ ތަކެއް ހާސިލު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝައްމޫޫން ވިދާޅުވި އެވެ.

 "މިއީކީ އެއް ފަހަރުން ރަނގަޅު ކުރެވޭނެ ކަން ކަމެއްވެސް ނޫން، އަބަދުވެސް ބައެއް ކަހަލަ ދަތިތައް ހުންނާނެ، މުސްތަގުބަލް ހަމަ ވަރަށް އުޖާލާ ކޮށް ލާމަރުކަޒީ ނިޒާމު މި ފެންނަނީ. ކައުންސިލް ތަކާއި ވުޒާރާ ތަކުގެ ދެމެދުގައި ބައެއް ފަހަރު ގުޅުންތައް ކުޑަވި ނަމަވެސް އެލްޖީއޭ އާއި ކައުންސިލް ތަކުގެ ގުޅުންތައް ވަރަށް ރަނގަޅު. ކައުންސިލް ތަކާއި މިނިސްޓްރީ ތަކާއި ގުޅުން ކުޑަ ވިއަސް އަޅުގަނޑުމެންނާ އަބަދުވެސް ގުޅުންތައް ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވެނީ" ޝައްމޫން ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލްތަކަށް ބަޖެޓު ދިނުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްސަލަ އަކީވެސް ފާހަގަ ކޮށްލެވޭ މައްސަލަ އެކެވެ. ބަޖެޓް ދިނުމުގައި ކަން ކުރެވޭތަން ފެންނަނީ ބޮޑު ރަށަށް ބޮޑު ބަޖެޓް އަދި ކުޑަ ރަށަށް ކުޑަ ބަޖެޓް ދިނުމުގެ އުސޫލުންނެވެ. މިގޮތުން ކައުންސިލަށް މާލީ މަންފާ އެއް ލިބޭނެ ފަދަ އިތުރު މަގެއް، ނުވަތަ "އިންކަމް ސޯސް" އެއް ނެތް ރަށް ރަށަށް ވެސް ރަށާއި ރަށުގެ އާބަދީ ކުޑަ ވުމުން ދެވެނީ ކުޑަ ބަޖެޓެކެވެ. މިކަން މިގޮތައް ކުރުމުން، މުވައްޒަފުންގެ މުސާރައާއި އިދާރީ ހަރަދު ތައް ހަމަޖެއްސުމަށް ފަހު ރައްޔިތުންނަށް ބޭނުންވާ އިތުރު ކަމެއް ހިންގުމުގެ ތަނަވަސްކަމެއް އެފަދަ ކައުންސިލް ތަކުގައެއް ނޯވެ އެވެ. އެހެންނަމަވެސް ކައުންސިލަށް ފައިދާ ވާ ވަސީލަތްތައް ހުރި ރަށެށް ނަމަވެސް ބޮޑު ރަށަކަށް ވާނަމަ ބޮޑު ބަޖެޓެއް ލިބެ އެވެ. މިއީ މިކަން ކުރެވެން ވާނެ އެންމެ އިންސާފުވެރި ގޮތެއް ނޫނެކެވެ. އެހެންކަމުން ނިސްބަތުން ރަށުގެ އާބާދީ ކުޑަ ނަމަވެސް އިންކަމް ސޯސް އެއް ނެތް ރަށެއް ނަމަ އެ ރަށަކަށް ވެސް އެކަށީގެންވާ ފަދަ ބަޖެޓެއް ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންތޯ އެވެ؟

ކައުންސިލް ތަކަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ވަސީލަތްތައް މަދުވުމުގެ މައްސަލަ އެވެ. އޭގެ ސަބަބުން ކައުންސިލް ތަކަށް ބައެއް ކަންކަން އެކަންކަންކުރަން ޖެހޭ އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތެއް ވެސް ނޯވެ އެވެ. އޭގެތެރެއިން ކުނި މެނޭޖު ކުރުމުގެ މައްސަލަ އަކީވެސް ގިނަ ރަށް ތަކަކަށް ކުރިމަތިވެފައިވާ މައްސަލަ އެކެވެ. އެގޮތުން ކުނި އެންދުމާއި މޫދަށް ކުނި އެޅުން ފަދަ މައްސަލަ ތަކުގައި އީޕީއޭއިން ކައުންސިލްތަކަށް އިންޒާރުދީފައި ވެސް ވެއެވެ. ނަމަވެސް ގިނަ ރަށްތަކުގައި އެންމެ އެދެވޭ ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމު ކުރެވިފައެއް ނޯވެ އެވެ. އަދި މައި ސަރުކާރަށް އެކަމަށް ހައްލެއް ހޯދައެއް ވެސް ނުދެވެ އެވެ. އެހެން ކަމުން އެ ރަށް ރަށުގެ ރައްޔިތުންނަށް ކުނި އެންދުމާއި އުކާލުން މަނާ ކުރެވޭކަށް ވެސް ކައުންސިލް ތަކަކަށް ނެތެވެ. ސަބަބަކީ އެކަންކަން މަނާ ކޮށްފައި ކުނި ނައްތާލާނެ އެހެން ގޮތެއް ދެއްކެން ނެތުމެވެ. މިކަންކަން މިގޮތަށް ހުރުމަކީ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަށް "އޮޕަރޭޓް" ވުމަށް ނުކުޅެދިފައިވާ ސަބަބެކެވެ.

މިހާރު ހުރި މައްސަލަ ތަކާއިއެކު ލާ މަރުކަޒީ ނިޒާމަކީ ރަނގަޅު ނިޒާމެއް ތޯ ސުވާލު އުފައްދާލަން އެބަ ޖެހެ އެވެ. މި ނިޒާމުގެ ބަލި ފަޔަކީ ކައުންސިލް ތަކުން ވުޒާރާ ތަކަށް ބަރޯސާ ވާން ޖެހޭ ޖެހުން ހެއްޔެވެ؟ ނުވަތަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ހެއްޔެވެ؟ ކޮންމެއަކަސް ވުޒާރާ ތަކާއި އެހެނިހެން އިދާރާ ތަކުގެ އެއްބާރުލުމާއި އެކު ކައުންސިލް ތަކުން ޒިންމާދާރު ކަމާއި އެކު މަސައްކަތް ކުރާ ނަމަ، މިއީ ފައިދާ ހުރި ނިޒާމަކަށް ވާނެ އެވެ. އަދި އެކަމަށްޓަކައި މައި ސަރުކާރުން ކައުންސިލް ތަކަށް ހަމަހަމަ ކަމާއި އިންސާފު ވެރި ކަމާއިއެކު ކަންކުރުމަކީ ލާމަޒުކަޒީ ނިޒާމް ހިންގުމަށް ވަރަށް މުހިއްމު ކަމެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް