ads
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ފޮޓޯ: ހައުސިން މިނިސްޓްރީ
އިނގިރޭސި ރައްޔިތުކަން ދޫކޮށް ލައިފިން: މިނިސްޓަރު ހައިދަރު
ރައީސް ޑރ. މުއިއްޒުގެ އާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ޕާސްޕޯޓު - އިނގިރޭސިވިލާތުގެ ރައްޔިތުކަން އޮތް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެ ގައުމުގެ ރައްޔިތުކަން މިހާރު ދޫކޮށްލައްވާފައިވާ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވަނީ އޭނާ ވެސް ވަޒީރުކަމާ ހަވާލުވުމަށް އިނގިރޭސިވިލާތުގެ ޕާސްޕޯޓު ދޫކޮށްލެއްވި ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް ވަނީ، އެހެން ގައުމެއްގެ ރައްޔިތުކަން އޮވޭތޯ ހައިދަރާ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަކީ، މިއަދު ހާޒިރުކޮށްފައިވާ ބޯހިޔާވަހިކާމާ ގުޅޭ މައްސަލައިގެ ބޭރު ސުވާލެއްކަން ފާހަގަކުރެއްވި ނަމަވެސް، ހައިދަރު އެ ސުވާލަށް ޖަވާބު ދެއްވި އެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ރައްޔިތުކަން މިވަގުތު ދޫކޮށްލައްވާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ)ގައި ވަނީ ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ. 

ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ޕާސްޕޯޓު ދެން އޮތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަތުގައި އެވެ. އެއީ ނިއު ޒީލެންޑުގެ ޕާސްޕޯޓް އެވެ، ނަމަވެސް އިތުބާރު ހުރި ފަރާތްތަކުން "ސީއެންއެމް" އަށް ބުނި ގޮތުގައި މާރިޔާ ވެސް މިހާރު ވަނީ ނިއު ޒީލެންޑު ޕާސްޕޯޓު ދޫކޮށްލައްވާފަ އެވެ. 

ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން، އެއްވެސް ވަޒީރެއްގެ އަތުގައި ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބެލުމަށް ރައީސް އޮފީހުގައި އެދުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް