ads
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ގޯއްޗާއި ފްލެޓްގެ ލިޔުން އަވަހަށް ހަވާލުކުރަން ގޮވާލާ ކުއްލި މައްސަލައެއް
އާ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތުތައް ހާމަކުރުމަށާއި ލިޔުން ލިބިފައިވާ ހުރިހާ މީހުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ ކުއްލި މައްސަލައިގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. މަޖިލީހުގެ 29 މެންބަރުންގެ ވޯޓުން ގަރާރު ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށައިފަ އެވެ.

ބަހުސްގެ ވަގުތުގައި މެންބަރު މީކާއިލް ވިދާޅުވީ، މި ސަރުކާރުގެ އަސްލު ކުލަ މިހާރު ވެސް ފެނިއްޖެ ކަމަށެވެ. ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް ރައްޔިތުންނަށް ދީފައިވާ އެއްވެސް ގޯއްޗެއް އަދި ފުލެޓެއްވެސް އަތުނުލާނެ ކަމަށް ބުނެ ދެއްކި ވާހަކައާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ތަރައްގީކުރުމަށާއި އެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާފައިވާއިރު 2024ގެ ބަޖެޓުގައި އެކަމަށް އެއްވެސް އަދަދެއް ކަނޑައަޅާފައި ނެތް! އޭގެ ބަދަލުގައި ފުށި ދިއްގަރު ފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތީ! ރައްޔިތުން ތިބީ ވާނުވާ ނޭންގި ހާސްކަމެއްގައި،" މީކާއިލް ވިދާޅުވި އެވެ.

އެހެންކަމުން މީކާއިލްގެ ކުއްލި މައްސަލާގައި ގޮވާލެއްވީ ހައުސިން މިނިސްޓަރުގެ ހަގީގީ ސިޔާސަތު ހާމަކުރުމަށާއި ލިޔުން ލިބިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަށް ފްލެޓާއި ގޯތި ދިނުމަށް ގޮވާލާފައިވެ އެވެ.

މީގެ ކުރިން ވެސް މެންބަރު މީކާއިލް ވަނީ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށް ބަލައިލުމުން އެނގެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން އުޅޭ ކަން ކަމަށް ވިދާޅުވެފައެވެ. އަދި، މި ސަރުކާރުގެ ހައުސިން މިނިސްޓަރަށް ރުހުން ނުދޭން ވެސް ގޮވާލައިފައެވެ.

"ރައްޔިތުންގެ ތެރެއިންގެ ގިނަ ބައެއް ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާނުވާގައި ބޭއްތިބުމުގެ ބަދަލުގައި މިކަމާ ގުޅޭ ސަރުކަރުގެ އަސްލު ސްޓޭންޑް ހާމަކޮށް، ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލަން،" މީކާއިލް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ވަނީ ގޯތި ދޫކޮށް ބައެއް މީހުން ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. އަދި 4،000 ޕްލެޓް މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނެވެ. ނަމަވެސް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އެންމެ ފަހު ވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވި އެވެ.

އާ ހައުސިން ހައިދަރު މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖައާ ކުރާނެ އެވެ. އެއްވެސް ގޯއްޗެއް އަތުނުލި ކަމުގައިވިޔަސް ބައެއް ގޯތިތަކުގެ ލޮކޭޝަން ބަދަލު ކުރަން ޖެހިދާނެ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ފްލެޓް ދޫކުރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން އޭސީސީއާ ހިއްސާކޮށްފައިވާނެ. އަދި މައްސަލަ ހައްލުކޮށް އަލުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ގޮތެއް މިދަނީ ބަލަމުން،" ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ސުވާލުކުރުމުން އިއްޔެ ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފްލެޓްތަކާ ގުޅިގެން އޭސީސީ އިން ބައެއް ކަންކަން ބަލަން ބޭނުންވާތީ ފްލެޓް ޕޯޓަލްއަށް ވަނުމުގެ އެކްސެސް އެ ކޮމިޝަނަށް ދީފައިވާނެ ކަމަށެވެ. އެއްވެސް މީހަކަށް ލިބިފައިވާ ފްލެޓެއް އަތުލުމަކީ އާ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އޭސީސީ އިން މައްސަލަ ނިންމުމުް ޝަރުތު ހަމަވާނަމަ އެންމެންނަށްވެސް ފްލެޓް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް