އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މެންބަރުންނާއި އީވާއަށް މަޖިލީހުން ވަނީ ކުރިން ފޮނުވާފައެވެ. އީވާ މަގާމުން ވަކިކުރަން މިމަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ވަނީ ނެރެފައެވެ.
އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ސޮއިކުރައްވާފައިވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 49 މެމްބަރުންނާއި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ އެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީއިން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ. ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފަ އެވެ.
އެމްޑީޕީން މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަކިކުރަން ވެސް ގަރާރެއް ހުށަހަޅާފައެވެ. މި މައްސަލަ ކުރިޔަށް ނުގެންގޮސް ލަސްތަކެއް ވެގެންދިޔައީ އީވާގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިމައްސަލަ ހޫނުވެފައިވަނިކޮށް ރައިސް ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މިހާރު މަޖިލީހުގެ ރައީސަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލެމެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުންގެ ސޮޔާއެކު އެވެ. މިވަގުތު އެ އަދަދަކީ 22 އެވެ.