
ޕީސީބީ ބޯޑު އަލުން އެކުލަވާލިއިރު އެބޯޑުގެ ރައީސް ކަމަށް އައްޔަން ކުރައްވާފައި ވަނީ ހަމްދީ އަގީލެވެ. ހަމްދީއަކީ އޮސްޓްރޭލިއާގެ ކަޓިން ޔުނިވަސިޓީން މާސްޓަ އޮފް ކޮމާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ހިމެނެ އެވެ.
ޕީސީބީގެ މެންބަރު ކަމަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން އަހުމަދު މުޝްތާގު، ބޭންކިންގެ ދާއިރާއިން ލީނާ އަބްދުލްޖަލީލް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ހިމެނެ އެވެ.
މި ބޭފުޅުންގެ އިތުރުން އިކޮނޮމިކްސް ދާއިރާއިން ޕީސީބީގެ މެންބަރު ކަމަށް ހަސަން ޒަރީރު ވަނީ އައްޔަނުކުރައްވާފަ އެވެ. ހަސަން ޒަރީރަކީ އިނގިރޭސިވިލާތުން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހަސަން ޒަރީރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގަ އެވެ.
ގާނޫނީ ދާއިރާގެ މެންބަރުކަމަށް ރައީސް އައްޔަން ކުރެެއްވީ އަލްއުސްތާޒު އަހުމަދު ނަޝާތެވެ. އަހުމަދު ނަޝާތު އެންމެފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓު ކައުންސެލްގެ މަގާމުގަ އެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ މިޑުލްސެކްސް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީސީބީގެ ނައިބު ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ މުހައްމަދު ފިރާޒެވެ. ރައީސްއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ޕީސީބީ ބޯޑަށް މެންބަރުން އައްޔަނު ކުރެއްވި ނަމަވެސް އެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ތިއްބެވޭނީ ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދައިގެންނެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމުގެ އިތުރުން ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.