ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ.
އޭސީސީގެ މެންބަރުން، މަޖިލިހުގައި ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލްއިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ އޭސީސީއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
މަޖިލިހުގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލްއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކުރުމަށް ފަހު އޮޓޯއިން މާކްސްތައް ޖެނެރޭޓްވީ ނަމަވެސް މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި އެބަހުއްޓެވެ.
ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރުގެ ޑޭޓާތަކުންވެސް އެކަން އެނގޭއިރު އެޕްރޫވްކުރަން ހުންނަ ފަރާތްތަކުން އެޕްލިކަންޓްގެ ދަރިއެއް ހުންނަ ކަމަށް ޖަހައި އިތުރަށް މާކްސް ދީފައި ހުރިކަންވެސް އޭސީސީއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
އޭގެ އިތުރުން ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަން ވަރަށް ސާފުކޮށް ފެންނަން އޮންނައިރުވެސް އެފަދަ ފަރާތްތަކަށްވެސް ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓު ވެސް ދީފައި ހުރިކަން އޭސީސީން ފާހަގަ ކުރި އެވެ.