އަމީރު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.
މެންބަރު ރަޝީދު ފޮނުއްވި ސުވާލުގައި ވަނީ ކެޕިޓަލް އެކްސްޕެންޑިޗާ އަދި ރީކަރަންޓް އެކްސްޕެންޑިޗާ ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ފިނޭންސް މިނިސްޓްރީން ގެންގުޅުއްވާތޯ އެވެ.
އެ ސުވާލަށް އަމީރު ފޮނުއްވި ޖަވާބުގައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މައިގަނޑު ހަރަދުތަކުގެ ސިޔާސަތުތައް ދިރާސާކޮށް ފިޔަވަޅު އެޅުމަށް ރާވައި، ފާހަގަކުރާ ކަންތައް ފިސްކަލް ސްޓްރެޓެޖީ އަދި ބަޖެޓުގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ. އޭގެއިތުރުން ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ސާކިއުލާތައް މެދުވެރިކޮށް ހަރަދު ކުރުމުގެ ކުރިން ހުއްދަ ހޯދުމަށާއި ހަރަދު ކުރުމުގައި ބަލަންވީ ކަންތައްތަކުގެ އިރުޝާދުވެސް ދީފައި ވާނެ ކަމަށެވެ.
އަމީރު ވިދާޅުވެފައި ވަނީ ހަރަދު ކުޑަކުރުމުގެ ސާކިއުލާގެ ދަށުން މުވައްޒަފުން ނެގުމާއި ޕްރޮމޯޝަންތައް މަޑު ޖައްސާލުމާއި ތަމްރީނާއި މަރާމާތު ފަދަ ކޮންޓްރޯލް ކުރެވޭނެ ހަރަދުތައް ކޮންޓްރޯލް ކުރުމާއި ތަކެއްޗާއި ހިދުމަތަށް ހަރަދު ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅާނެ މައިގަނޑު ހަތަރު ދާއިރާއެއް ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ދާއިރާތަކަކީ ފިއުލް ސަބްސިޑީ، ކަރަންޓު ސަބްސިޑީގެ އިތުރުން އާސަންދަ އަދި މެޑިކަލް ކޮންޒިއުމަބަލްސް އެވެ.