ads
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ 2.8 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ހުޅުވާލާފައި - ފޮޓޯ:އަވަސް
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވިއްކާ ފުރަތަމަ ޓީ-ބިލް: 2.8 ބިލިއަން ރުފިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2.8 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ހުޅުވާލައިފި އެވެ.

މިއީ އާ ސަރުކާރުން ހަރަދުތައް ހަމަޖެއްސުމަށް ވިއްކަން ނިންމި ފުރަތަމަ ޓީ-ބިލެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު ޓީ-ބިލެއް ވިއްކުމަށް އިއުލާނުކޮށްފަ އެވެ. އެ މިނިސްޓްރީން ޓީ-ބިލް ވިއްކަން ހުޅުވާލީ 29 ދުވަހުން އަނބުރާ ދެއްކުމަށް 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 97 ދުވަހުން އަނބުރާ ދެެއްކުމަށް 230 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ. ހަމަ އެގޮތަށް 182 ދުވަހުން އަނބުރާ ދެއްކުމަށް 80 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 686.1 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކުމަށްވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

މި ފެށޭ މަހުގެ ހަތަރު ވަނަ ދުވަހަކީ ޓީ-ބިލުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ-ބިލުގެ އިންޓްރެސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގަ އެވެ.

ރާއްޖޭގައި ޓީ-ބިލުގެ ރޭޓުތައް ހުރިގޮތުން 29 ދުވަހަށް 3.50 އިންސައްތައިގައި ޓީ-ބިލް ވިއްކަމުންދާއިރު، 97 ދުވަހަށް ޓީ-ބިލް ވިއްކަނީ 3.87 އިންސައްތައިގަ އެވެ. އަދި 4.23 އިންސައްތައިގައި 182 ދުވަހަށް ޓީ-ބިލް ވިއްކާއިރު، 364 ދުވަހަށް ޓީ-ބިލް ވިއްކަމުން ދަނީ 4.6 އިންސައްތައިގަ އެވެ.

އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ-ބިލް ގަނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް