އަމީރު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދުގެ ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.
މެންބަރު ރަޝީދުގެ އެދިވަޑައިގެންފައި ވަނީ މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާާ ގަނޑުކުރި ކަޅުބިލަ މަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލްއަށް ފާއިތުވި ފަސް އަހަރު މިފްކޯގެ އިންވޮއިިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްލެވިފައިވާނަމަ, އެ ފައިިސާގެ ޖުމްލަ އަދަދަކީ ކޮބައިިތޯ އާއި 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް އެކަމާ ގުޅުންހުރި މައުލޫމާތު ތަކަށެވެ.
މެންބަރުގެ ސުވާލުތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވަނީ އެ މައުުލޫމާތަކީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައުުލޫމާތު މިފްކޯ މެދުވެރިކޮށް ހޯއްދެވުމަށް އެދިވަޑައިގެންފައި ވެއެވެ.
މީގެ ކުރިން ވެސް އެ ފައިިސާގެ ޖުމްލަ އަދަދަކީ ކޮބައިިތޯއާއި 2018 އިން ފެށިގެން 2022 ގައި ހުރި މިންވަރުގެ ތަފުސީލު ހޯއްދެވުމަށް މެންބަރު އިބްރާހިމް ރަޝީދު ވަނީ ފިޝަރީޒް މިނިސްޓްރީއާ ވެސް ސުވާލު ކުރައްވާފަ އެވެ. އެއީ ސެޕްޓެމްބަރު 2022 ގައެވެ. ނަމަވެސް އެ މައުލޫމާތު މިނިސްޓްރީން ދީފައެއް ނުވެ އެވެ.
އިއްޔެ މަޖިލިހުގައި ރިޔާސަތުން އެދިގެން އަމީރުގެ އެ ޖަވާބު މަޖިލިސް ތަޅުމަށް އިއްވުމާއެކު ނިޒާމީ ނުކުތާއެއް ނަންގަވަމުން މެންބަރު ރަޝީދު ވަނީ ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓަރާ ވެސް އެ ސުވާލު ކުރެއްވުމުން ޖަވާބު ނުދެއްވާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ހުރިހާ ކުންފުންޏެއްގެ ހިސާބުކިތާބު ބަލަހައްޓާ، ކުންފުނިތަކުގެ ބެލެނިވެރިޔާ ކަމުގައިވާ ފިނޭނެސް މިނިސްޓްރީން އެކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.