
އާޒިމްގެ ފޯމާ ހަވާލުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.
ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން މާލެ ބަދަލުކޮށް، މާލެ އަކީ މީހުން ދިރިއުޅޭ ހިތްވާ ތަނަކަށް ބަދަލުކުރާނެ ކަމަށެވެ.
މޭޔަރުކަމުގެ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބުވާ ތަން ފެންނަކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނިކަންޏާ ނުކުންނަވާ އެއް ލައްކަ ވިހި ހާސް ވޯޓު ހޯއްދެވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވި އެވެ.
އާ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައި އޮޅުވާލައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް މީގެ ކުރިން ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.
މާލެސިޓީގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ.
މާލޭ ސިޓިގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މޭޔަރު ކަމުގެ އިތުރުން އެ ކައުންސިލުން ހުސްވި ތިން ގޮނޑިއަކަށް ވެސް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފު ފާތިހު ހިމެނެ އެވެ. ސައިފަކީ ދަ ޑިމޮކްރެޓްސް އިން ވާދަކުރައްވާ ކެންޑިޑޭޓެވެ.