މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި އަހަރު ކުރީކޮޅުގައި ފެށުނު މި މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު ވީއައިއޭގައި މިހާރު ގާއިމުކުރެވިފައި ވަނީ މީގެ އެންމެފަހުގެ ސިސްޓަމެއް ކަމަށެވެ.
މި ސިސްޓަމަކީ ބައިނަލްއަގުވާމީ އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި އެއާލައިން އޮޕަރޭޓަރުންނާ އަދި ފްލައިޓް ކުރޫންނާ ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެކެވެ. މައިގަނޑު ގޮތެއްގައި މި ޕްލެޓްފޯމްގައި ރައްކާތެރިކަމާ އެކު ހިއްސާ ކުރެވޭ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި ނޯޓޭމާއި މޫސުމާ ބެހޭ މައުލޫމާތާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެ އެވެ. އޭގެ އިތުރުން ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި މޫސުމާ ބެހޭ މައުލޫމާތުވެސް ޕްލެޓްފޯމުގައި ހިމެނެ އެވެ.
އެމްއޭސީއެލުން ބުނެފައި ވަނީ މި ޕްލެޓްފޯމް ގާއިމުވެގެން ދިއުމާ އެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަނެޓް މެދުވެރިކޮށް އެއާލައިންތަކުން ފޮނުވާ ފްލައިޓް ޕްލޭން އެޕްރޫވްކޮށް ފައިލްކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށެވެ.
މި ސިސްޓަމަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމަށްވާ އައިޑީއެސް އެއާނެވް އާ ހަވާލުކުރެވިގެން ކުރިއަށް ގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެއް ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އައިޑީއެސް އެއާނެވްއިން ވަނީ މި ސިސްޓަމް ވީއައިއޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައި ކަމުގަ އެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީނެއް ކަމާ ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެމްއޭސީއެލުން ބުނީ މި ކަމަކީ ވީއައިއޭއިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ހިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
މި ހިދުމަތް ފޯރުކޮށްދެމުން ދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއާ ނެވިގޭޝަންގެ ހިދުމަތް ދެމުންގެންދާ އެމްއޭސީއެލްގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އިންނެވެ.