
ޔަހޫދީ އިސްރާޢީލުގެ އިސްތިއުމާރީ ސިފައިން ބުނީ ޑިސެންބަރު 1 ވާ ހުކުރު ދުވަހު ގާޒާ ގަޑިން ހެނދުނު 7 ޖެހުމާ އެކު، ގާޒާގެ މުސްލިމުން ގަތުލު ކުރުމަށް ހިންގަމުންދާ ކެމްޕޭން އަލުން ފަށާފައިވާ ކަމުގައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެއްވެސް އިންޒާރަކާ ނުލާ މިއަދު ދޭންފެށި ޔަހޫދީންގެ ހަމަލަތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމުގައެވެ.
ގާޒާއަށް ހަމަލާތައް ހުއްޓާލާފައި އޮތް އޮތުން އެ ގޮތުގައި ދެމެހެއްޓުމަށް އދ. އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގޮވާލާފައި އޮތް ނަމަވެސް ޔަހޫދީ އިސްރާއީލުން ހަމަލާތައް ދޭން ފަށާފައި ވަނީ ގާޒާގެ ދެކުނަށެވެ. އޭގެ ތެރޭގައި ހާން ޔޫނިސްގެ އިރުމަތީގައި އޮންނަ އައްބާސަން ކޮމިޔުނިޓީ ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ. ގާޒާގެ ދެކުނަކީ މީގެ ކުރިން އިސްރާއީލުން ރައްކާތެރި ކަމަށް ބުނެފައިވާ ތަނެކެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލް އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ މުއްދަތު ހަމަވެ، އަލުން ހަމަލާތައް ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި ގާޒާއިން 66 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މިކަން ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިން ކަށަވަރުކޮށްދެ އެވެ.
ޒަޔަނިސްޓު ޔަހޫދީންގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސް އިން ވެސް ވަަރުގަދަ ހަމަލާތައް ދެމުން ގެންދާ ކަމަށް ގާޒާގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.
ހަފުތާއެއްހާ ދުވަހަށް ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި ޔަހޫދީ އިސްރާއީލުގެ ޖަލުތަކުން 240 ފަލަސްތީނު މީހުން މިނިވަންކޮށްފައިވާއިރު، ބަދަލުގައި 110 އަށް ވުރެ ގިނަ ޔަހޫދީ އިސްރާއީލުގެ އަސީރުން ހަމާސްއިން ވަނީ ދޫކޮށްލާފަ އެވެ.
ޔަހޫދީ ސިފައިންގެ ހަމަލާ ތަކުގައި ފަނާކޮށްލާފައިވާ ގާޒާގެ ސަރަހައްދެއް - ފޮޓޯ: އަލް ޖަޒީރާ
ޔަހޫދީ އިސްރާއީލުގެ ޖަލުތަކުން މިނިވަން ކޮށްފައި ވަނީ، އެއްވެސް ހައްގުން ކުށަކާ ނުލައި ހައްޔަރުކޮށް، ބޮޑެތި އަނިޔާތަކެއް ދެމުން ގޮސްފައިވާ ބަޔެކެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި ޒުވާން އުމުރުގެ ކުދިންނެވެ.
ޔަހޫދީ އިޒްރޭލުން ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ގާޒާގެ 70 ޕަސެންޓު އިމާރާތްތައް އެއްކޮށް ސުންނާފަތިކޮށްލައި 15،500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 6000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
ގާޒާގެ ރައްޔިތުން އިންސާނީ ބޮޑު ކާރިސާތަކެއްގެ ތެރޭގައި ތިބި އިރު، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ ޖައްބާރު އިޒްރޭލު ސިފައިން އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން، ޔަހޫދީ އިޒްރޭލާ މެދު ގިނަ ބަޔަކު މިހާރު ނަފްރަތު ކުރެއެވެ.