
"ބެސްޓް ޕްލޭސް ޓު ވޯކް" މި އެވޯޑު ސްޓީލް ހާޑްވެއާއަށް ލިބިފައިވާއިރު އެ ކުންފުންޏަކީ މެދު ނުކެނޑި ހިންގާތާ 18 އަހަރު ވެފައިވާ ކުންފުންޏެކެވެ. ސްޓީލް ހާޑްވެއާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ އެ ކުންފުނި އުފެދުނީއްސުރެ މެދުކެނޑުމެއް ނެތި ކުންފުންޏަށް ހިދުމަތްކޮށް ދިނުމުގައި ދެމި ތިބި މުވައްޒަފުން ކަމަށް ސްޓީލް ހާޑްވެއާގެ ޖެނެރަލް މެނޭޖަރު ޝިޔާޒް އަހުމަދު ވިދާޅުވި އެވެ. ޝިޔާޒް ވިދާޅުވެފައިވާ ގޮތުގައި ގިނަ ފަހަރަށް ކުންފުނިން ވަކިވާ މުވައްޒަފުން ވަކިވެފައި ވަނީ އިތުރަށް މަތީ ތައުލީމް ހާސިލް ކުރުމަށް ނުވަތަ އަމިއްލަ ވިޔަފާރިއެއް ހިންގުމަށް ކަމުގަ އެވެ.
އެކަމުގެ ސިއްރަކީ ސްޓީލް ހާޑްވެއާގެ މެނޭޖްމަންޓުން މުވައްޒަފުންގެ މެދުގައި ބާއްވާ ގާތް ގުޅުމާއި ހަމަހަމަކަމާއި އުސޫލުތަކުގެ ހަރުދަނާކަން ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ކަންކަން މެނޭޖްކުރުމަށް ބޭނުންކުރަނީ އޮސްޓްރޭލިއާގެ ސޮފްޓްވެއާއެއް ކަމަށްވާ "މަޔޯބް" ގެ "އެކްސޯ" ނަމަކަށް ކިޔާ ސޮފްޓްވެއާ އެއް ކަމަށެވެ.
ސައުތް އޭޝިއަން ބިޒްނެސް އެކްސެލެންސް އެވޯޑް ސްޓީލް ހާޑްވެއާއަށް ވަނީ ލިބިފައި - ފޮޓޯ:ސްޓީލް ހާޑްވެއާ
ޝިޔާޒް އިތުރަށް ވިދާޅުވީ ސްޓީލް ހާޑްވެއާގެ މުވައްޒަފުންނަށް މެނޭޖްމަންޓްގެ ފަރާތުން ކޮންމެ އަހަރަކުވެސް އިޔާލީ ބޯނަސް އަދި ކޮންމެ މަހަކުވެސް ކަނޑައެޅިފައިވާ ލަނޑުދަނޑިއަށް ހާސިލުވުމުން ސޭލްސް ކޮމިޝަން ދެމުންދާ ކަމަށެވެ. އަދި ސެލަރީ އިންކްރިމަންޓް ފަދަ މުވައްޒަފުން ވަޒީފާއަށް ޝައުގުވެރި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ.
ސްޓީލް ހާޑްވެއާގެ މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ފައިސާ ނުކަނޑާކަން ފާހަގަ ކުރައްވާ ޝިޔާޒް ވިދާޅުވި ގޮތުގައި ކޮންމެ މުވައްޒަފެއްގެ ޕެންޝަނަށް ވާ ފައިސާ ދައްކަމުން އަންނަނީ އެ ކުންފުނީގެ ފަރާތުން ކަމުގަ އެވެ. އެހެންކަމުން އެ ކުންފުނީގެ މުވައްޒަފުންނަށް ފުލް މުސާރަ ގެއަށް ގެންދަން ލިބޭނެ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އެމްޕްލޯއީ ޓާން އޯވާ ފުދޭވަރަކަށް މަދުކަން އުފަލާ އެކު ޝިޔާޒް ފާހަގަކުރެއްވި އެވެ.
މި އެވޯޑު އެ ކުންފުންޏަށް ލިބިފައި ވަނީ ރޭ ގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.