ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ކޮންމެ ރަސްމީ ދަތުރުފުޅަކަށް ފަހު 15 ދުވަހުގެ ތެރޭގައި ހަރަދުތައް އާންމުކުރައްވަން ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ރައީސްގެ ކޮންމެ ރަސްމީ ދަތުރަކަށް ފަހު 15 ދުވަހުގެތެރޭ ހަރަދުތައް އާންމުކުރަނީ
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ފަހު، 15 ދުވަހުގެ ތެރޭގައި ހަރަދުތައް ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
Advertisement

ރައީސް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ޑރ. މުއިއްޒު ނިންމާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމަކީ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ ތުރުކީވިލާތަށެވެ. އެ ދަތުރުފުޅުގައި ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ވަނީ ދެއްވާފަ އެވެ.

އެ ދަތުރުފުޅަށްފަހު ރައީސް ވަނީ ތިމާވެށްޓާއި މޫސުމީ މައްސަލަތަކުގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަމިޓް، ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ރައީސް ޑރ. މުއިއްޒު ރާއްޖެ ވަޑައިގަންނަވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް