ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
- މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1,678,639 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައި
- މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 12.9 އިންސައްތަ އިތުރު އަދަދެއް
- މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލުވުމަށް ދެ ލައްކަ ފަތުރުވެރިން ބޭނުންވޭ
ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް 158,450 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއީ 11.5 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5,041 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.6 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 191,280 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.4 އިންސައްތަ)
- އިންޑިއާ - 182,659 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތަ)
- ޗައިނާ - 175,257 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.4 އިންސައްތަ)
- އިނގިރޭސިވިލާތް - 137,887 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.2 އިންސައްތަ)
- ޖަރުމަނުވިލާތް - 122,262 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.3 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑުންނެވެެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,257 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 14 ހޮޓަލާއި 924 ގެސްޓްހައުސްގެ އިތުރުން 144 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62,778 އެނދު އޮޕަރޭޓްކުރެ އެވެ.