ads
ކައްދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސާފައި - ފޮޓޯ:އެއާގޭޓު މޯލްޑިވްސް
ކައްދޫ އެއާޕޯޓު ކުންފުންޏަށް 221 މިލިއަން ރުފިޔާގެ ގެއްލުން
ލ. ކައްދޫ އެއާޕޯޓު ހިންގާ ކުންފުނި، ކައްދޫ އެއާޕޯޓު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު އުފެދުނީއްސުރެ މިއަދާ ހަމައަށް 221 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި ކައްދޫ އެއާޕޯޓަށް އާމްދަނީ ލިބޭ ތިން ދާއިރާއެއްވެ އެވެ. އެއީ އެއޮރޯނިޓަކަލް އޮޕަރޭޝަންތަކާއި ކޮމާޝަލް އޮޕަރޭޝަންތަކުގެ އިތުރުން ހަރު މުދަލުގެ އިންވެސްޓްމަންޓުތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ އެވެ. ކައްދޫ އެއާޕޯޓު ކުންފުންޏަށް 2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދެބައި ކޮށްފަ އެއްބައި ދަށް އަދަދެކެވެ. 2020 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 6.6 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. 

ކައްދޫ އެއާޕޯޓު ކުންފުންޏަށް އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑު-19 ބަލިމަޑުކަން ކަމުގައި ބެލެވެ އެވެ. މި ބަލިމަޑުކަމުގެ ތެރޭގައި ޓޫރިޒަމް ހުއްޓި ރާއްޖޭގެ އިގުތިސޯދު ދަށަށް ދިޔުން އެ ކުންފުނިންވެސް ތަހައްމަލު ކުރި އެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ދަށްވި ކަމުގައި ވީނަމަވެސް، އެ ކުންފުނި ހިންގުމުގެ ހަރަދަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެގޮތުން 2019 ވަނަ އަހަރު ކުންފުނި ހިންގުމުގެ ހަރަދުގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، 2020 ވަނަ އަހަރު ކުންފުނި ހިންގުމުގެ ހަރަދުގެ ގޮތުގައި 25.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން 84 އިންސައްތަ ރުފިޔާ ހަރަދުވީ ކުންފުނީގެ މުވައްޒަފުންގެ މުސާރައަށާއި އިނާޔަތްތަކަށެވެ.

ލިބުނު އާމްދަނީ އަށްވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ ކުންފުންޏަށް 2020 ވަނަ އަހަރު ވަނީ 21.9 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ. އޮޑިޓު އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ގެއްލުން ފޫބެއްދުމުގެ ގޮތުން ސަރުކާރުން ކައްދޫ އެއާޕޯޓު ކުންފުންޏަށް ފައިސާ ދޫކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ އަހަރު އެކަނިވެސް 19 މިލިއަން ރުފިޔާ ސަރުކާރުން އެ ކުންފުންޏަށް ދޫކޮށްފައިވެ އެވެ. 

ކައްދޫ އެއާޕޯޓު ކުންފުންޏަށް މިވަރު ބޮޑު ގެއްލުމެއް ލިބެމުންދާއިރު، އެ ކުންފުންޏަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ. އެގޮތުން އެންމެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދޭން ޖެހޭ އެއް ކުންފުންޏަކީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަން ކުންފުނިންނެވެ. ކައްދޫ އެއާޕޯޓު ކުންފުންޏަށް ނުލިބިވާ ފައިސާގެ 98 އިންސައްތަ ފައިސާއަކީ އެ ކުންފުނިން ދޭން ޖެހޭ ފައިސާ އެވެ. އޮޑިޓު އޮފީހުން ބުނީ އައިލެންޑު އޭވިއޭޝަނުން ކައްދޫ އެއާޕޯޓަށް ދޭން ޖެހޭ ފައިސާއެއް ނުދީގެން މައްސަލައެއް އުފެދިފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ ބޯޑުން ވަނީ އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޮޑިޓަށް މައުލޫމާތު ދީފަ އެވެ. 

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓެވެ. މި އެއާޕޯޓަށް އެންމެ ގިނައިން ދަތުރު ކުރަނީ ލާމުގައި އޮންނަ ރިސޯޓުތަކަށް ދަތުރު ކުރާ ފަތުރުވެރިންނެވެ. ކައްދޫ އެއާޕޯޓު ހިންގުމަށް ހާއްސަ ކުންފުންޏެއް އުފައްދާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ އެޑްމިނިސްޓްރޭޝަނުގައި 2011 ވަނަ އަހަރު އެވެ. ރައީސް އަބްދުﷲ ޔާމީނުގެ އެޑްމިނިސްޓްރޭޝަނުގައި 2014 ވަނަ އަހަރު އެ ކުންފުނި ހިންގުން އެމްއެންޑީއެފް އާ ހަވާލުކޮށް ކައްދޫ އެއާޕޯޓު ވަނީ އަސްކަރީ އެއާޕޯޓަކަށް ބަދަލުކޮށްފަ އެވެ. "އިސްކަންދަރު އެއާ ބޭސް" ގެ ގޮތުގައި މިހާރު އެ އެއާޕޯޓު ބޭނުން ކުރަމުން އައި ނަމަވެސް އެ އެއާޕޯޓަށް ކުރަމުން އައި ޑޮމެސްޓިކް ދަތުރުތައް އެއްވެސް އިރެއްގައި ހުއްޓާލާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް