ads
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު އިންޑިއާ ސަފީރު މުނޫ މަހާވަރުއާ ބައްދަލުކުރައްވަނީ - ފޮޓޯ: ޑިފެންސް މިނިސްޓްރީ
ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން އިންޑިއާ އާއެކު މަޝްވަރާކޮށްފި
ރާއްޖެ އާއި އިންޑިއާއާ ދެމެދު ދިފާއީ ގުޅުން އިތުރަށް ވައުގަދަ ކުރުމަށް މަޝްވަރާ ކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ. އަދި އިންޑިއާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ގައްސާނާއި މުނޫ މަހާވަރުގެ ބައްދަލުވުމަށް ފަހު ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާގެ ސަފީރު ޑިފެންސް މިނިސްޓަރު އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށާއި އެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ދިފާއީ އެއްބާރުލުން ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަ ކުރުމަށް ގައްސާން އާއި އިންޑިއާ ސަފީރު މަޝްވަރާތަކެއް ކޮށްފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޓިކެޓް ހޯއްދެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި މިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ފެށިއެވެ. އެ ސިފައިން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވެސް އެންމެ މައިގަނޑު އެއް ރިޔާސީ ވައުދެވެ.

ރާއްޖޭގައި ޖުމްލަ 77 އިންޑިއާ ސިފައިން ތިބި ކަމަށް މި ސަރުކާރުން ކުރިން ހާމަކުރައްވާފައިވެ އެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް