ads
ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފެއް - ފޮޓޯ:ސީއެންއެމް
ގައުމީ ޔުނިވާސިޓީގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ޓީޗިން ރިސޯޓެއް ހެދުން
ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ކިޔަވައިދޭ ''ޓީޗިން ރިސޯޓެއް'' ރާއްޖޭގައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އަމާޒަކީ އެފަދަ ރިސޯޓެއް ޔުނިވާސިޓީގެ ފަރާތުން ރާއްޖޭގައި ތަރައްގީކުރުން ކަމަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. ޝައުގީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ލިބިފައިވާ މަޝްހޫރުކަމާއި އެއްވަރަށް އެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ރާއްޖޭގައި ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ފެންވަރުގެ ޓީޗިން ރިސޯޓެއް ރާއްޖޭގައި ހުޅުވުމުން، ރާއްޖޭގެ ޒުވާނުންނަށް މި ދާއިރާއިން އިތުރަށް ކިޔެވުމުގެ ފަހި ފުރުސަތުތައް ލިބިގެން ދާނެ ކަމަށާއި މި ޓީޗިން ރިސޯޓުން ރާއްޖޭން ބޭރުގެ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑރ. ޝައުގީ ވިދާޅުވި އެވެ. 

ރާއްޖޭގެ ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ގިނައިން ތިބެނީ ބޭރު ފަރާތްތައް ކަމަށްވާއިރު، މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެންދިޔުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ޑރ. ޝައުގީ ވިދާޅުވި އެވެ.

''އަޅުގަނޑުމެންގެ މަތީ ތައުލީމަކީ އިގުތިސޯދީގޮތުން މަންފާކުރަނިވި، ރާއްޖޭގެ ޒުވާން ޖީލަށް، މުސްތަގުބަލަށް މަގުފަހި ކުރަނިވި ސިނާއަތަކަށް ހެދުމަށްޓަކައި، ފަތުރުވެރިކަމުގެ ތަމްރީންގެ ރޮނގުން ރާއްޖެ ނަމްބަރު ވަންއަށް ވުމުގެ ފުރުސަތު އެބައޮތް،'' - ޑރ. މަހްމޫދް ޝައުގީ

ޑރ. ޝައުގީ ވިދާޅުވި ގޮތުގައި މިކަމުން ރާއްޖޭގެ އިގުތިސޯދު އިތުރަށް ހަރުދަނާވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށާއި ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމުގަ އެވެ.

ރާއްޖެ ފަދަ ގައުމެއްގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ސްކޫލެއް ހުންނަން ވާނެކަން ފާހަގަކުރައްވާ ޑރ. ޝައުގީ ވިދާޅުވެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ޑިގްރީ، މާސްޓާސް ހެދުމަށް، އެޑްމިޝަން ހޯދުމަށް ވާދަވެރިވާ ސްކޫލެއް މި ގައުމުގައި ހުންނަން ޖެހޭ ކަމަށެވެ.

އަމާޒަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ތަމްރީން ދޭ ޔުނިވާސިޓީއަކަށް ވުން ކަަމަށް ޑރ. ޝައުގީ ވިދާޅުވި އެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެ އަމާޒު ހާސިލުކުރަން 10 ވަރަކަށް އަހަރު ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން ފަތުރުވެރިކަމުގެ ތަފާތު އެކި ދާއިރާތަކުން ތަމްރީނުތައް ދެމުން އަންނައިރު، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާސް އާ ހަމައަށް ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް